ހޮލީވުޑް

ބްލެކްބިއަޑްގެ މޭކަޕްގައި ހިއު ޖެކްމަން ވަކިކުރަން ނޭނގޭ ވަރަށް ތަފާތު!

Jul 20, 2015

ކުރިއަށް އޮތް ޕީޓަ ޕޭންގެ ލައިވް އެކްޝަން އާ ފިލްމުގެ ސުޕަވިލަން އަކީ ބްލެކްބިއަޑެވެ. މިއީ ޕީޓަ ޕޭންގެ ފޭނުންގެ މެދުގައި އެންމެ މަޝްހޫރު ވިލަން ކަމުގައިވާ ކެޕްޓަން ހޫކަށް ވުރެ ވެސް ހުރިހައި ގޮތަކުން ވެސް ނުބައި ނުލަފާކަން ބޮޑުވެގެންވާ ޕައިރޭޓެކެވެ.

ބްލެކްބިއަޑްގެ މި އާދަޔާހިލާފު ކެރެކްޓާ އިން ބެލުންތެރިންނާ ބައްދަލުކުރާނީ "އެކްސް-މެން" ގެ ފޭން ފެވަރިޓް ވުލްވަރީންގެ ރޯލު އެތައް އަހަރެއް ވަންދެން ކުޅުނު އޮސްޓްރޭލިއާގެ ބަތަލް، ހިއު ޖެކްމަން އެވެ. ނަމަވެސް ބްލެކްބިއަޑްގެ ގޮތުގައި ހިއު ޖެކްމަން ފެންނައިރު އެއީ ހިއު ޖެކްމަންހެނެއް ހީއެއް ނުވެ އެވެ.

ފިލްމުގެ ޓްރެއިލާ އާއި ބްލެކްބިއަޑްގެ ގޮތުގައި ހިއު ޖެކްމަން ދައްކާލާފައިވާ ފޮޓޯތައް ބަލާލިޔަސް އެ ތަފާތު ފާހަގަކުރެވޭނެ އެވެ. ހިއު ޖެކްމަން މީގެ ކުރިން މިފަދަ ތަފާތު ސިފައެއްގައި ފެނިގެން ދިޔަ ފިލްމަކީ "ލެސް މިޒް" ގަ އެވެ.

ޕީޓަ ޕޭންގެ އާ ފިލްމަކީ މިހާތަނަށް ބޮޑު ސްކްރީނަށް ގެނެސްދިން ޕީޓަ ޕޭންގެ ވާހަކަތަކަށް ވުރެ މާކުރިން ހިނގާފައިވާ ހަދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދޭނީ ކުޑަކުދިން ވަގަށް ނަގަން މަޝްހޫރު ޕައިރޭޓް، ބްލެކްބިއަޑް އާއި ޕީޓަ ޕޭންގެ ކުރިމަތިލުންތަކެކެވެ.

މި ފިލްމުގައި ޕީޓަޕޭންގެ ރޯލު ކުޅެފައި ވަނީ އޮސްޓްރޭލިއާގެ ޗައިލްޑް އެކްޓަރު، ލެވީ މިލާ އެވެ.

ފިލްމުގައި ކެޕްޓަން ހޫކް ވެސް އުޅެ އެވެ. ނަމަވެސް ވަރަށް ޒުވާން ކެޕްޓަން ހޫކެކެވެ. މި ރޯލުން ފެނިގެންދާނީ އެމެރިކާގެ ޒުވާން އެކްޓަރު ގެރެޓް ހެޑްލަންޑް އެވެ.

 

ޓައިގާ ލިލީގެ ކެރެކްޓާ އިން ފެނިގެންދާނީ ރޫނީ މާރާ އެވެ.