ވިޔަފާރި

ޔޫރަޕުގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާތަކާ ޖަނާހު ބައްދަލު ކުރައްވައިފި

Jun 15, 2019
5

ޔޫރަޕުގެ އެންމެ ބޮޑެތި ކޮންޓްރެކްޓަރުން ހިމެނޭ، ކޮންޓްރެކްޓަރުންގެ ޖަމިއްޔާތަކާ ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ބައްދަލު ކުރައްވައިފި އެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްގެ ހައިސިއްޔަތުން ފްރާންސްގެ ވެރިރަށް ޕެރިހަށް ޖަނާހު ކުރައްވަމުން ގެންދަވާ ދަތުރުފަޅުގައި އިއްޔެ ވަނީ ޔޫރަޕިއަން އިންޓަނޭޝަނަލް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ރައީސް ފިލިޕޭ ޑޭސޯ އާއި ކޮންފެޑަރޭޝަން އޮފް އިންޓަނޭޝަނަލް ކޮންޓްރެކްޓާސް އެސޯސިއޭޝަން (ސީއައިސީއޭ) ޑިރެކްޓަރު ޖެނެރަލް މިސް ފެނީ ޑަސްޓުގޭއާ އާއި ފްރާންސުގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

ޕެރިހުގައި ހުންނަ ސީއައިސީއޭގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުންތަކާ ބެހޭ ގޮތުން ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް ޖަނާ ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި ބައިވެރިވާން އެ ފަރާތްތަކަށް ދައުވަތު އެރުވުން ކަމަށެވެ.

"މިއީ ޔޫރަޕުގެ އެންމެ ބޮޑެތި ކޮންޓްރެކްޓަރުން ހިމެނޭ ޖަމިއްޔާތައް. މި ބައްދަލުވުމުގައި އެ ޖަމިއްޔާތަކުގެ އެންމެ އިސްވެރިންނަށް ވާނީ އިފޮޕްކާގެ ބައްދަލުވުމަށް ދައުވަތު އަރުވާފައި. މީގެ އިތުރުން އޮގަސްޓު މަހު ރާއްޖޭގައި އޮންނަ ބިލްޑް އެކްސްޕޯގައި ބައިވެރިވުމަށް ވެސް ދައުވަތު އަރުވާފައި. އެހެންވެ އެ ފަރާތްތަކުން މި ބައްދަލުވުންތަކުގައި ބައިވެރިވާން ރާއްޖެ އަށް ޒިޔާރަތް ކުރައްވާނެ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕުގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރަން ޔޫރަޕުގެ ބޮޑެތި ކޮންޓްރެކްޓަރުން ޝައުގުވެރިވޭކަން މި ބައްދަލުވުންތަކުން އެނގުނު. އެކަމަކު މިހާތަނަށް މި ފަދަ ބައްދަލުވުން ތަކެއް ރާއްޖޭން ނުއްބާވާތީ ނޭނގި އޮތީ. އެ ފަރާތްތަކުން ރާއްޖެއާމެދު ވަރަށް ޝައުގުވެރިވޭ. އެ ފަރާތް ތަކުން އަންނަ އަހަރު ބާއްވާ އިންވެސްޓްމަންޓް ކޮންފަރެންސުގައި ބައިވެރި ވާނެ،" ޖަނާހު ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ ބޯޑު ތަކެއްގައި މަސައްކަތް ކުރެއްވުމަށްފަހު ދާދިފަހުން، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޖަނާހުއަކީ ދުނިޔޭގެ މިހާ ބޮޑު ޖަމިއްޔާއެއްގެ އެންމެ އިސްވެރިއެއްގެ މަގާމު ފުރުއްވާ ފުރަތަމަ ދިވެއްސެވެ. ޖަނާހު އިފޮޕްކާގެ ރައީސްގެ މަގާމަށް ހަވާލުވުމާއެކު، ރައީސްގެ ހައިސިއްޔަތުން ދަނީ ދުނިޔޭގެ 20 ގައުމަށް ޒިޔާރަތް ކޮށް އިންވެސްޓްމަންޓުގެ ދާއިރާއިން ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ދަތުރުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ 29، ޖޫންގަ ރާއްޖޭގައި އޮންނަ އިފޮޕްކާގެ ބައްދަލުވުމުގައި ދުނިޔޭގެ ބޮޑެތި 1500 އެއްހާ ކުންފުނީގެ އިސްވެރިން ރާއްޖެއަށް އަންނާނެ އެވެ.