ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ އާއިލާތަކާއެކު ސީރިޔާގައި ދިވެހި 40 ކުޑަކުދިން އެބަތިބި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއެކު ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސީރިޔާއަށް ދިޔަ ދިވެހިން ތިބި ތަނާއި ކުރާ ކަންކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި ފުރިހަމަ ކޮންޓްރޯލެއް ސަރުކާރަށް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެ ގައުމުގައި ތިބި އެއްވެސް މީހަކު ރާއްޖެ އައިސްފައި ނުވާ ކަމަށާއި އެ މީހުން އަންނަ ކަމަށް ވާނަމަ ސަރުކާރަށް އެކަން އެނގޭނެ ކަމަށެވެ.
ސީރިޔާގައި ތިބި މީހުންގެ އަދަދުތަކުގައި ތަފާތުތަކެއް އުޅޭ ކަމަށާއި ނަމަވެސް މަދުވެގެން 160 މީހުން ސީރިޔާގައި ތިބޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި 30 އާއި ސާޅީހަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އެކަމުގައި ތާށިވާ ކުޑަ ކުދިން. ވަރަށް ގިނަ ދިވެހި ކުޑަ ކުދިން އެބައުޅޭ. ބައެއް ކުދިން ނިސްބަތްވާ ގައުމެއް ސީދާ ކަށަވަރު ކުރާކަށް ނޭނގޭ. ބައެއް މީހުން ބުނޭ އެ ކުދިންނަކީ ދިވެހި ފިރިހެނުންނަށް ނުވަތަ ސީރިޔާ ފިރިހެނުންނަށް ވިހާފައި ތިބި ކުދީން ކަމަށް. އެ ހުރިހާ އެންމެން އަދި އަނބުރާ ނާދޭ،" ނަޝީދު ވިދާޅުވި އެވެ.
ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން އަނބުރާ ގެނައުމަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެ މީހުން ތިބި ގޮތުގައި އަނބުރާ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަަބަބަކީ އެ މީހުން އުޅުނު ހާލެއް ނޭނގޭ ކަމަށާއި އަދި އެ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމުން ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަަށް ރީހެބިލިޓޭޓު ކުރެވޭނެ ގާބިލް ކަމެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ އެ މީހުންނަށް ހަދާނެ ގޮތަކާމެދު ގޮތެއް ނިންމަން ޖެހޭނީ ގައުމުތަކުން ބައްދަލުވެ މަޝްވަރާ ކޮށްގެން ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ހަމަޖެހުންތަކެއް ހަމަޖެހި، އެ މީހުން ބަލައިގަނެ، އެއީ ސީދާ އަސްލު ގައުމަށް ނޫނަސް އެހެންތަނަކަށް ވިޔަސް އެ މީހުން ބަލައިގަތުމަށް ފަހު ރަނގަޅު ކުރަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެ މީހުން އެންމެ އަވަހަށް އޮންނަ ފްލައިޓަށް އަރުވައިގެން އަނބުރާ އަންނާށޭ ބުނުމަކީ ރަނގަޅު ގޮތް ކަަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދލުވީ ރާއްޖޭގައި ހުރިހާ ދީނީ ދަރުހެއް ދިނުމުގެ ހުއްދަ ދެނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. އަދި އެ މިނިސްޓްރީގައި އޮންނަ ކައުންސިލެއްގެ ބެލުމުގެ ދަށުން ނޫނީ އެއިން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވި ފަހުން އެފަދަ ދީނީ ގްރޫޕުތަކާއި ޕާޓީތަކާ އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރެވޭ ކަމަށާއި އެ މީހުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ވިދާޅުވީ ރާއްޖޭގައި އަދިވެސް ވަރަށް ހަރުކަށި އިސްލާމީ ފިކުރަކަށް ފަތުވާ ދޭ މީހުން އުޅޭ ކަމަށެވެ.