ހަބަރު

ޖޭއެސްސީއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުގެ އިހުތިސޯސެއް ނެތް: ނަޝީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ވަގުތީ އަމުރަކީ އެ ކޯޓުގެ އިހްތިސޯސުން ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާއަށް ވަޑައިގެން އެ ގައުމުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކަންކަމުގައި ފަހު ބަސް ބުނާ ކޯޓަކީ ސުޕްރީމް ކޯޓުގައިވީ ނަމަވެސް އެކަން އެ ކޯޓުން ކުރަން ޖެހޭނީ ގާނޫނާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓުން ނެގުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ހަވާލުވެފައިވާ ކަމެއްގެ ފަހު ބަސް އެކަން ހިނގަމުންދަނިކޮށް ސުޕްރީމް ކޯޓުން އެކަމުގެ ތެރެއަށް ވަނުމަކީ އިހްތިސޯސުން ބޭރުވުން ކަމަށެވެ.

"އެޔަކީ އަޅުގަނޑު ދެކޭ ގޮތުގައި މުޅިއަކުން ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭ ކަންކަމެއް ނޫން، އެކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނަވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ދެއްކެވި ވާހަކަތަކަށް ބިނާކޮށް ކޮމެޓީގެ މެންބަރުން ނިންމާ ނިންމުންތައް އެމަނިކުފާނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ކޮމެޓީގެ ނިންމުންތަކަށް މަޖިލީހުގައި ތަޅުމުގައި ބަހުސް ކުރެވި ގޮތްތަކެއް ނިމިގެންދާނެ ކަމަށް ވިދާޅުވި އެވެ. ޖޭއެސްސީގައި އިންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގައި ވަނީ ޖޭއެސްސީއަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައިދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައި އެ ސަސްޕެންޝަން ބާތިލް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެންގީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިތުރު އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށެވެ.

ނަމަވެސް އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރު ގަބޫލު ނުކުރަން ނިންމި އެވެ. އަދި ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމި އެވެ. އެ ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ކޯޓުތަކުގެ އިސް ފަނޑިޔާރު އެކުލެވޭ ޖުޑިޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ނިންމުންތަކެއް ހާމައެއް އަދި ނުކުރެ އެވެ.