ހަބަރު

ދެވަނަ ކުއާޓަރުގެ މާލީ ބަޔާން ދައްކާ ގޮތުން ޓެކްސްއަށް އުނިކޮށް 115 މިލިއަން ރުފިޔާގެ ފައިދާ ލިބުނު: ބީއެމްއެލް

Jul 20, 2015

ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް) އިން މިއަދު ޢާންމުކުރި މި އަހަރު ދެވަނަ ކުއާޓަރުގެ މާލީ ބަޔާން ދައްކާ ގޮތުން މާލީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ހޯދައި ޓެކްސް އަށް އުނިކުރުމަށްފަހު 115 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއިލް އިން ބުނީ އެއީ މިދިޔަ ކުއާޓައާއި އަޅާބަލާއިރު ހަތަރު ޕަސެންޓްގެ ކުރިއެރުމެއް ކަމަށާއި މިއަހަރުގެ ރޯދަ މަހުގެ ބޯނަސް މުވައްޒަފުންނަށް ދިނުމާއިއެކުވެސް އެއީ ލިބުނު ރަނގަޅު ކުރިއެރުމެއް ކަމަށެވެ. ޓެކްސް އަށް އުނިކުރުމަށްފަހު މިއަހަރުގެ ފުރަތަމަ ހަ މަހުގެ ފައިދާ 2014 ގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 31 އިން ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ބޭންކުން ބުނީ އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރ ލޯނު 2014 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު  47 ޕަސެންޓް އިތުރުވީ ލޯނު ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް އާންމުންނަށް ފަސޭހައިން ލޯނު ލިބޭނެގޮތް ބޭންކުން ހަމަޖެއްސުމުން ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން މިހާރުވެސް އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިނ ޚިދުމަތް ފޯރުކޮށްދޭން ހިންގާ ޕްރޮގްރާމްގެ ދަށުން މިދިޔަ ކުއާޓަރުގައި 100 ވަނަ ރަށުގައި ވަނީ ކޭޝް އޭޖެންޓުންގެ ޚިދުމަތް ތަަަަަައާރަފްކޮށް އަދި ސެލްފް ސާވިސް ބޭންކިން ޚިދުމަތް މާލޭގެ ހަތް ވަނަ ސަރަހައްދެއްގައި ވަނީ ފަށާފައެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީީ ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ހޯދޭނެމަގު ފަހިކޮށްދިނުމަށް. މިގޮތުން ކޭޝް އޭޖެންޓުން މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައި ސެލްފް ސާވިސް ބޭންކިން ފުޅާކޮށް އަދިި ދާދި ފަހުން ތަޢާރަފްކުރެވުނު މޯބައިލް ބޭންކިންގ ޚިދުމަތް މެދުވެރިކޮށްވެސް މިކަން ހާޞިލްކުރުމަށް މިދަނީ މަސައްކަތްކުރަމުން،" ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ. "ބޭންކުން ލޯނުފޮތް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުން ބޭންކުން ލިބެންހުރި ލޯނު ޕްރޮޑަކްޓްތައް އިތުރުކޮށް، ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައި. މާލީގޮތުން ބޭންކް ހަރުދަނާ ބިންގަލެއްގެ މަތީގައިި ދެމެހެއްޓިފައިވާކަމާމެދު އުފާކުރަން. މިކަމުގެ ސަބަބުން އިތުރަށް އިންވެސްޓްކުރުމަށާއި ބޭންކު ތަރައްގީ ކުރުމަށް މަގު ފަހިވެގެންދާނެ. އަޅުގަނޑު މިފުރުސަތުގައި ބޭންކުގެ ހުރިހާ މުވައްޒަފުންކުރާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން."