ހަބަރު

ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކް ރާއްޖޭގައި

Jun 16, 2019

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދެއްކި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފި އެވެ.

ވެންޑައިކް ޗުއްޓީ ހޭދަކުރަމުން ދަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގަ އެވެ. ވެންޑައިކް ރާއްޖެ އައިސްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެވެ. އޭނާ މިދިޔަ އަހަރު ޖޫން މަހު ވެސް ރާއްޖޭ އައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގަ އެވެ.

ވެންޑައިކް ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ވިލާތުގައި ކުޅޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު މިއަހަރުގެ ޗެންޕިއަންސް ލީގް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާގެ ކެޕްޓަންކަމުގެ ދަށުން ނެދަލޭންޑްސްއާއެކު ޔޫއެފާ ނޭޝަން ލީގްގެ ފުރަތަމަ މުބާރާތުގެ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.

ރެކޯޑް ފީ އަކަށް ވެންޑައިކް ލިވަޕޫލަށް ބަދަަލުވެފައިވަނީ 75 މިލިއަން ޕައުންޑަށެވެ. އޭނާ ލިވަޕޫލަށް ބަދަލުވެފައި ވަނީ މިދިޔަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެވެ.

ވެންޑައިކް މައި ރޯލް އަދާ ކުރާ ލިވަޕޫލްގެ ޑިފެންސް ފޫއަޅުވާލުމުގައި އިނގިރޭސި ޓީމުތަކަށް މި ސީޒަންގައި ވަނީ ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވެފަ އެވެ. ވެންޑައިކް ބެލެހެއްޓި ދިފާއީ ފާރުގެ އެހީގައި ލިވަޕޫލުން ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ، ޕްރިމިއާ ލީގްގައި 18 މެޗު ފުރިހަމަ ކޮށްފަ އެވެ.