ހަބަރު

އަދީބަށް ނައިބު ރައީސްކަން ދެއްވައިފިނަމަ ތާއީދު ގެންދަވާނެ ކަމަށް މައުމޫން އިންޒާރު ކުރައްވަފި

Jul 20, 2015

ނައިބު ރައީސް ކަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ދެއްވައިފިނަމަ ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް އިންޒާރު ކުރައްވާ ރައީސް އަބްދުﷲ ޔާމީނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޓީއެއް ފޮނުއްވައި ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަތަ ނުދިނުމަށް މަސައްކަތް ފައްޓަވައިފި އެވެ. 

ޕީޕީއެމްގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން ރައީސް ޔާމީނަށް ސިޓީއެއް ފޮނުވައި އެގޮތަށް އިންޒާރު ކުރެއްވި ކަމަށް އިއްޔެއިން ފެށިގެން ވަނީ ހަބަރުތައް ފެތުރިފައެވެ. އެފަދަ ސިޓީއެއް މައުމޫން ރައީސް ޔާމީނަށް ފޮނުއްވި ކަން އަވަސް އަށް ވަނީ ކަށަވަރުވެފައެވެ. 

މައުމޫނުގެ ސިޓީގައި އަދި ނައިބު ރައީސް ކަން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަށް ދެއްވަވައިފިނަމަ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާނެ ކަމަށާއި ތަޖުރިބާގެ ގޮތުންނާއި އިލްމީ ގޮތުން ބަލާއިރުވެސް އަދީބު އަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަަކު ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން ވިދާޅުވީ ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަތުމަށް އޮތް ހުރިހާ ފުރުސަތަކަށް ރައީސް މައުމޫން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށާއި ނައިބު ރައީސް ކަމައަދީބު ވަޑައިގަތުމަކީ މައުމޫން އެއްގޮތަކަށް ވެސް ބޭނުންފުޅުވާ ކަމެއް ނޫންކަން ރައީސަށް ފޮނުއްވެވި ސިޓީގައި ވެސް ވިދާޅުވެފައިވާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމުގެ މައްސަލަ މާދަމާއަށް ވެސް ފަސްކުރީ ވެސް އެ ސިޓީއާ ގުޅިގެނެވެ. 

މައުމޫނު މިފަދަ ސިޓީއެއް ފޮނުއްވާފައިވާއިރު މިފަދަ އެސްއެމްއެސްއެއް ފޮނުވި ކަމަށް ކުރިން ހަބަރު ފެތުރުމުން މައުމޫން ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު ލެއްވުމަކީ ރައީސްގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި ވަކި ބޭފުޅަކު އެ މަގާމަށް ގެންނަވަންވެސް އަދި ވަކި ބޭފުޅަކު ވަޑައިގަތަ ނުދިނުމަށް ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. ނަމަވެސް މި ސިޓީއާ ގުޅިގެން މައުމޫން އަދި ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.