އައްޑޫ ސިޓީ

ޕާޓްނާޝިޕް ފޯރަމަށް އައްޑޫގެ 6.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑު އަތޮޅު ތަރައްގީ ކުރަން މި ސަރުކާރުން ހިންގާ 414 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 އިގެ ވެބްސައިޓުގައިވާ ގޮތުން އައްޑޫ ތަރައްގީ ކުރަން ހިންގާ 6.3 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑު އަތޮޅުގެ ހަ ރަށަށް ތަރައްގީ ކުރާނެ އެވެ. މިގޮތުން އެ އަތޮޅުގެ ހަ ރަށް ފެރީގެ ނިޒާމަކުން ގުޅާލާނެ އެވެ. އަދި އެ ސަރަހައްދު އިކޮނޮމިކް ހަބެއްގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ.

އައްޑޫގައި ހިންގާ ބޮޑު މަޝްރޫއުގައިވާ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން އައްޑު އަތޮޅުން ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. އެ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން ގާތްގަނޑަކަށް 203 ހެކްޓަރު ބިން ހިއްކާނެ އެވެ. މީގެ އިތުރުން އައްޑޫގައި ޓޫރިޒަމްގެ ހަތަރު މަޝްރޫއެއް ފަށަން ގާތްގަނޑަކަށް 25 ހެކްޓަރު ހިއްކާނެ އެވެ. މި މަޝްރޫއުގެ ދަށުން އައްޑު އަތޮޅުގެ ވަކިވަކި ރަށްރަށުގައި ވެސް ގިނަ މަޝްރޫއު ތަކެއް ހިންގާނެ އެވެ.

އައްޑޫގައި ހިންގާނެ ބައެއް މަޝްރޫއުތައް

  • ހިތަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުން
  • މަރަދޫ، ފޭދޫ، ހުޅުދޫ، ބަނދަރު ތަރައްގީ ކުރުން
  • ހުޅުދޫ މީދޫ- އައްޑޫ މިފްކޯ ފިޝަރީޒް ކޮމްޕެކްސް ތަރައްގީ ކުރުން
  • ފުޓުބޯޅަ ދަނޑާއި، ރިހެބިލިޓޭޝަން ސެންޓަރެއް އެޅުން
  • އިސްލާމިކް ސެންޓަރެއް އެޅުން
  • އިންޖީނުގެ ތަރައްގީ ކުރުން
  • އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުން
  • ގަމުގައި ކޮންވެންޝަން ސެންޓަރެއް އެޅުން
  • ސަރުކާރު އޮފީސް އިމާރާތެއް އެޅުން
  • އައްޑޫ ނޭޗާ ޕާކް ތަރައްގީ ކުރުން
  • ކްލައިމެޓް ރިސާޗް ފެސިލިޓީއެއް ހެދުން
  • ދާރުލްއާސާރަކާއެކު ކަލްޗަރަލް ވިލެޖެއް ހެދުން

ޕާޓްނާޝިން ފޯރަމްގައި ތިރީހަށްވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ސަފީރުންނާއި ރާއްޖެއަށް އެހީ ދޭ ގިނަ ޖަމިއްޔާތައް ވެސް ހިމެނޭނެ އެވެ. މި ފޯރަމް އޮންނާނީ ހޯމަ އަދި އަންގާރަ ދެ ދުވަހު އެވެ.

ޕާޓްނާޝިޕް ފޯރަމްގައި ހިމެނޭ ބައިތައް

  • މާލީ އަދި އިގުތިސޯދީ ދާއިރާ: ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިސޯދީ ހާލަތުގެ މައުލޫމާތު
  • ނޫ އިގްތިސޯދު: ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސޯދީ ދާއިރާ ތަރައްގީކުރުން
  • އިޖްތިމާއީ ދާއިރާ: ސިއްހީ، ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާ ގުޅޭ ކަންކަމާއި ބޯހިޔާވަހިކަން
  • އިދާރާތައް ހަރުދަނާކުރުން: ހިންގުމާއި އަދުލުއިންސާފުގެ ނިޒާމް ހަރުދަނާކުރުން
  • ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުން: ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓާއަށް އަދާކުރެވިދާނެ ދައުރު

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި ފޯރަމްގެ ބޭނުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ މަޝްރޫއުތަކުގައި ރާއްޖެއާއެކު މަސައްކަތް ކުރާނެ ބައިވެރިން ހޯދުމެވެ.

"ކުރިން ބޭއްވި ފޯރަމްތަކުގައި ސީކް [ހޯދީ] ކުންފުނިތައް. އެކަމަކު މި ފަހަރު އާ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ރާއްޖެ އެ ފަރާތްތައް ގެނެސް ބަލައިލުމުގެ ފުރުސަތު މިދެނީ،" އަމީރު ވިދާޅުވި އެވެ.


ކުރީގެ ސަރުކާރުން ބާއްވާފައި ވަނީ އިންވެސްޓްމެންޓް ފޯރަމްތަކެވެ. ތިން ފަހަރެއްގެ މަތިން ޗައިނާ އާއި ސިންގަޕޫރު އަދި އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވި އެވެ.