ހަބަރު

ޗައިނާގައި ރާއްޖޭގެ މިނިވަން 50 ފާހަގަކޮށްފި

Jul 20, 2015

ރާއްޖެ މިނިވަންވިތާ 50 އަަހަރު ފުރޭ ރަންޔޫބީލް މުނާސަބާ، ޗައިނާގައި ހުންނަ ރާއްޖޭގެ އެންބަސީން ވެރިރަށް ބެއިޖިންގައި ފާހަގަކޮށްފި އެވެ.

އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ރާއްޖެ މިނިވަންވީ 1965 ވަނަ އަހަރު އެވެ. 

މިނިވަން ދުވަހާއި ގުޅޭ ހާއްސަ ހަފުލާ ޗައިނާގައި ބޭއްވި މިއަދު ޗައިނާ ގަޑިން ހަވީރު 6:30 އިން ރޭގަނޑު 9:00 އަށް ބެއިޖިންގެ "ލެޖެންޑޭލް" ހޮޓަލުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ޙަފުލާގައި، ޗައިނާ ސަރުކާރުގެ ބައެއް ޢިއްޒަތްތެރިންނާއި، ޗައިނާގެ މަޝްހޫރު ބައެއް ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި، ބެއިޖިންގެ ގިނަ ޔުނިވަރުސިޓިތަކެއްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. 

އަދި ޗައިނާގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި ބެއިޖިންގައި މި ވަގުތު ތިބި ގިނަ ޢަދަދެއްގެ ދިވެހިން ވެސް ބައިވެރިވިއެވެ.

ޙަފުލާގެ ޝަރަފުވެރި މެހެމާނަކީ ޗައިނާގެ، އެސިސްޓެންޓް މިނިސްޓަރު އޮފް ފޮރިންއެފެއާޒް މރ. ލިއު ޖިއަން ޗާއޯ އެވެ.

 ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު، މުޙައްމަދު ފައިޞަލް މިއަދު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާ ރާއްޖެއަކީ ދެކުނު އޭޝިޔާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމު ކަމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާރެއްކަމަށް ވިދާޅުވެފައެވެ.