ހަބަރު

"މިއީ ރާއްޖެއަށް އެހީވާންވީ ވަގުތު"، އިންޑިއާގެ އިލްތިމާސް ދުނިޔެއަށް

Jun 17, 2019
4

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަނެ، މުޅި ގައުމަށް ހަމަހަމަ ތަރައްގީ ގެނައުމުގައި މުޅި ދުނިޔެއަށް އަލިގަދަ މިސާލެއް ގާއިމުކުރުމުގެ ގާބިލުކަން ހުރި ކަމަށާއި، އެ ތަސައްވަރަށް ވާސިލްވުމަށް މިއީ ރާއްޖެއަށް އެހީތެރިވާންވީ ވަގުތުކަމަށް އިންޑިއާ އިން ބުނެފި އެވެ.

މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިން ބޭއްވި ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަރައްގީ ގެނައުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

އަދި އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން މިފަހުން ރާއްޖެއަށް ދިން 1.4 ބިލިއަން ޑޮލަރުގެ މާލީ ޕެކޭޖަކީ، އިގުތިސޯދު ކޮޅަށްޖަހައި ދަރަނި ކުޑަކުރުމަށް ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އިންޑިއާ އިން އަބަދުވެސް އެހީތެރިވެދޭނެ ކަމުގެ ހެއްކެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

ސުދީރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ރަނގަޅު ކުރުމަށްޓަކައި އިންޑިއާގެ ގާބިލުކަންހުރި މިންވަރަކުން އެއްވެސް ޝަރުތަކާ ނުލާ އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.

"ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަނެ، މުޅި ދުނިޔެއަށް އަލިގަދަ މިސާލެއް ގާއިމުކުރުމަށް މިއީ ރާއްޖެއަށް އެހީތެރިވާންވީ ވަގުތު،" ފޯރަމްގެ ބައިވެރިންނަށް އިންޑިއާގެ ފަރާތުން ސަފީރު އިލްތިމާސް ކުރެއްވި އެވެ.

މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ޝިއާރަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބްލް މޯލްޑިވްސް" އެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ އެވެ. ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

މި ފޯރަމްގައި ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ތަސައްވަރުގައި ކަނޑައެޅިފައިވާ މަޝްރޫއުތައް މިހާރު ވެސް ފޯރަމްގެ ބައިވެރިންނާ ހިއްސާ ކުރާނެ އެވެ. އަދި އެ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާއާ، ކަރުދާސްތައް ވެސް ހުށަހެޅިގެންދާނެ އެވެ. މި ފޯރަމަށް ފައިސާ ހޯދުމަށް ހުށަހަޅާ ފުލް ޕެކޭޖުގެ އަގު 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.