ހަބަރު

ސީދާ ނައިބު ރައީސް މަޖިލީހަށް ޖަވާބުދާރީވުމަށް އަންގައިފި

Jul 20, 2015

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވާން ސީދާ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަޖިލީހަށް ހާޒިރުވުމަށް މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށް އަންގައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ސޮއި ކުރައްވައި މިއަދު، ޖަމީލްގެ ވަކީލް ހުސްނުއްސުއޫދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭނީ ސީދާ ނައިބު ރައީސް މަޖިލީހަށް ހާޒިރުވެ ވަޑައިގެންކަން ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ރ އިން ސާފުކޮށް އެނގޭ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ނައިބު ރައީސް މާދަމާގެ ޖަލްސާއަށް ވަޑައިގަތް ޖަވާބުދާރީ ވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ ސިޓީގައިވެ އެވެ.

ނަމަވެސް ނައިބު ރައީސް ނިންމަވާފައި ވަނީ ގާނޫނީ ވަކީލު، ހުސްނުއްސުއޫދު މެދުވެރި ކުރައްވައި، ލިޔުމުން މަޖިލީހަށް ޖަވާބު ދެއްވުމަށެެވެ. ނައިބު ރައީސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެ މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލީހަށް ނައިބު ރައީސް ޖަވާބު ނުދެއްވި، ނަމަވެސް އެ މައްސަލައިގައި އިތުބާރު ނެތް ކަމުގެ ވޯޓް ޖަމީލުގެ މައްޗަށް ނެގިދާނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނެ އެވެ.

ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 61 މެންބަރަކު ސޮއިކޮށްފައިވާ އިރު، އެ މައްސަލަ ފާސްވާން ބޭނުން ވަނީ 57 މެންބަރުންގެ ވޯޓެވެ.