ހަބަރު

ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

Jul 20, 2015

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލަންކާ ގައުމީ ޓީމު އަތުން 3-0އިން މިއަދު ބަލިވެއްޖެ އެވެ.

މި މެޗަކީ އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމަށް ކުޅުނު މެޗެކެވެ. މި މެޗުގެ އިތުރުން ލަންކާ ގައުމީ ޓީމާއެކު އަދި އެއް މެޗު އަދި އެ ގައުމުގެ ކުލަބަކާއެކު އިތުރު މެޗެއް ކުޅޭނެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ލައްވާލީ މަޔޯޓޭ އާއި ޝީޝެލްސްއާ އެއް ގްރޫޕެއްގަ އެވެ.

ގައުމީ އަންހެން ޓީމު ލަންކާގައި ފަރިތަކުރާއިރު ފިރިހެން ޓީމު ފަރިތަކުރަން ފަށާފައިވަނީ އިއްޔެރޭ މާލޭގަ އެވެ. މީގެ އިތުރުން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ވެސް މިހާރު ވަނީ ތައިލެންޑުގައި ކޭމްޕްކޮށްފަ އެވެ. މި ދެ ޓީމުގެ ތެރެއިން އަންހެން ޓީމާއެކު ނުދެވި ހުރި ކެޕްޓަން ހައްވާ ރާޝިދާ ވެސް މިހާރު ވަނީ ޓީމާގުޅުމަށް ފުރައިފަ އެވެ.

އޭނާ އަށް ޓީމާއެކު ނުދެވި ހުރީ ޕޮލިހުގެ އެންމެ އަސާސީ ތަމްރީނުތައް ފުރިހަމަކުރަމުންދާތީ އެވެ. ނަމަވެސް މިހާރު ޓީމާ ގުޅެން އޭނާ އަށް ޕޮލިހުން ވަނީ ރިލީޒްދީފަ އެވެ.

ގައުމީ ބެޑްމިންޓަން ޓީމު މިވަގުތުވީ މެލޭޝިޔާގަ އެވެ.