ދުނިޔެ

ސައުދީއިން ހޫތީންގެ ދެ ޑްރޯން ވައްޓާލައިފި

ސައުދީއަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ހޫތީ ހަނގުރާމަވެރިންގެ ބޮންއަޅާ ދެ ޑްރޯން ގޮއްވާލައި ބިމަށް ވައްޓާލައިފި ކަމަށް ސައުދީ މީޑިއާއިން ރިޕޯޓް ކޮށްފި އެވެ. މި ރިޕޯޓްތައް އައިސްފައި ވަނީ ސައުދީ އަސްކަރިއްޔާގެ ކާނަލް އަދި އަރަބި ކޯލިޝަންގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވާ ތުރްކީ އަލް މަލިކީ އާއި ހަވާލާދީ އެވެ.

އަލް މަލިކީ ވިދާޅުވި ގޮތުގައި ވައްޓާލި އެއް ޑްރޯންގެ މިސްރާބު އަމާޒުވެފައި ހުރީ އަބާ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. އެ ޑްރޯން އެ ހިސާބަށް ވައްޓާލާފައި ވާއިރު ދެވަނަ ޑްރޯން ވައްޓާލާފައިވަނީ ޔަމަނުގެ ވައިގެ ސަރަހައްދުން ބޭރު ނުވަނީހެވެ.

މިދިޔަ ހަފުތާ ފެށުނީއްސުރެ ހޫތީ ހަނގުރާމަވެރިން ސައުދީގެ އަބާ ސިޓީއަށް އަމާޒުކޮށް ޑްރޯންގެ ހަމަލާތަކެއް ދެމުން ދާއިރު އޭގެ ރައްދުގައި ސައުދީއިން ވެސް ދަނީ ހަމަލާގެ ރައްދު ދެމުން ނެވެ.

ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު އިރާނުން ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. ނަމަވެސް އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.