ބޭރު ކުޅިވަރު

އުތުރު ކޮރެޔާގައި ވޯލްޑް ކަޕް ބާއްވައިދޭން ބްލެޓާ ގަޔަށް ފައިސާ އަޅައިފި

Jul 21, 2015

އުތުރުކޮރެޔާގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވައިދިނުމަށް އިނގިރޭސި ކޮމީޑިއަނަކު ފީފާގެ ރައީސް ސެޕް ބެލްޓާ އަށް "ރިޝްވަތުދީފި" އެވެ.

މިކަން ހިނގީ ކޮރަޕްޝަނުގެ ތުހުމަތުތަކާހުރެ ފީފާގެ ރައީސް ކަމުން ވަކިވާން ނިންމާފައިވާ ބެލްޓާ ފީފާ އިސްލާހުކުރުމަށް އެ ޖަމާއަތުގެ ހިންގާ ކޮމިޓީ އަށް މިއަދު ހުށަހެޅުއްވި އިސްލާހީ އެޖެންޑާގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ފޭކް ޑޮލަރުތަކެއް ހިފައިގެންހުރެ މިކަން ކުރީ ޕްރެސް ކޮންފަރެންސްގައި ހުރި އިނގިރޭސި ވިލާތުގެ ކޮމީޑިއަން އިނގިރޭސި ކޮމީޑިއަން ސިމޮން ބްރޮޑްކިން އެވެ. އޭނާ މިކަންކުރިއިރު އިނގިރޭސިވިލާތަކީ ބްލެޓާއާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާގައުމެވެ.

ސިމޮން ވަނީ ނޫސްވެރިންގެ ބައްދަލުވުން ބްލެޓާ ފެއްޓެވުމާއެކު ކުރިއަށް ނުކުމެ ބްލެޓާ އިންނެވި މޭޒުދޮށަށް ގޮސް އަތުގައި އޮތް ދެ ޑޮލަރު ބޮނޑީގެ ތެރެއިން އެއް ބޮނޑި މޭޒުމަތީގައި ބާއްވައިފަ އެވެ. އަދި ބްލެޓާއާ ކުރިމަތިލައްވައި އޭނާ ވަނީ މިއީ 2026 ވަނަ އަހަރުގެ ދެކުނު ކޮރެޔާގައި ވޯލްޑް ކަޕް ބާއްވަން ދިން ފައިސާ ކަމަށް ބްލެޓާގާތު ބުނެފަ އެވެ.

އެވަގުތު އޭނާ ހޯލުން ނެރުމަށް ބްލެޓާ ސެކިއުރިޓީންނަށް އަމުރުކުރި އެވެ. އަދި ސެކިއުރިޓީން އޭނާ ނެރެން ފެށުމުން އަނެއް ޑޮލަރު ބޮނޑި ވަނީ ބްލެޓާއާ ދިމާއަށް އުކައިފަ އެވެ. މިހެންވެ ކުޑަވަގުތުކޮޅަކަށް ޕްރެސް ކޮންފަރެންސް މެދުކަނޑާލަން ޖެހުނެވެ.

ފަހުން އެނބުރި ވަޑައިގެން ބްލެޓާ ވިދާޅުވީ މިފަދަ ކަންކަމަކީ ހުއްޓުވަންޖެހޭ ކަންކަން ކަމަށާއި މިއީ ތައުލީމް ނެތުމުން ކުރާ ދަށުދަރައިގެ ކަންތައްތައް ކަމަށެވެ.

މި ބައްދަލުވުމުގައި ބްލެޓާ ވަނީ ފެބްރުއަރީ މަހު އާ ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި އޭނާ ވާދަނުކުރައްވާނެކަން ވެސް އިއުލާނުކޮށްފަ އެވެ. ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ މޭމަހު އިންތިހާބުވި ބްލެޓާ ރައީސް ކަމުން އިސްތިއުފާދޭން ނިންމީ އޭނާ އިންތިހާބުވިތާ ތިން ދުވަސް ފަހުންނެވެ. އޭނާ ވިދާޅުވީ އެންމެ މުހިންމީ ފީފާ ކަމަށާއި އެ ޖަމާއަތުގެ ގިނަ މެމްބަރުން އޭނާގެ ސިޔާސަތާ ދެކޮޅުވުމުން ދެން ކުރިއަށްދާން ދަތިވާނެ ކަމަށެވެ.

ބްލެޓާ ފީފާގެ ރައީސްކަމަށް ވަޑައިގަތީ 1998ގަ އެވެ. އަދި މިހާރު ކޮރަޕްޝަނުގެ ތުހުމަތު ބޮޑުވެ އެޖަމާއަތުގެ ބައެއް ވެރިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިހާރުވެސް ބޮޑު ތަހުގީގުތަކެއް ކުރިއަށްދާއިރު ހައްޔަރުކޮށްފާނެތީވެ ގައުމުން ބޭރަށް ވަޑައިނުގެންނެވުމަށް ވެސް ބްލެޓާ ވަނީ ނިންމަވާފަ އެވެ.

މިއަދު އޭނާއާ ދިމާލަށް ޑޮލަރު އުކި ކޮމީޑިއަންއަކީ މިފަދަ ކަންކަން ވަރަށް ގިނައން ކުރާ މީހެކެވެ. އޭނާ ވަނީ 2010ގެ ވޯލްޑް ކަޕަށް އިނގިރޭސި ޓީމު ފުރަން ހީތްރޯ އެއާޕޯޓަށް ގޮސް ފްލައިޓަށް އަރަން ތައްޔާރުވަނިކޮށް އިނގިރޭސި ޓީމު ލައިގެންތިބި ހެދުމުގައި އެތަނަށް ގޮސް ބޯޓަށް އަރަން ވެސް މަސައްކަތްކޮށްފަ އެވެ.