އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް އަންނަ އަހަރު ޖޫން މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެއްކޮށް ބޭނުން ކުރުން ހުއްޓުލުމަށް ނިންމައި އައްޑޫ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އެ ސިޓީގެ ކައުންސިލްގައި އިއްޔެ ފާސްކުރި ގަރާރުގައި މުހިންމު 11 ލަނޑުދަނޑިއެއް ކަނޑައަޅާފައިވަނީ ޕްލާސްޓިކާ ދެކޮޅަށެވެ. ގަރާރުގައިވާ ގޮތުން އަންނަ މަހުގެ ތައުލީމީ މުއައްސަސާތަކާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި ސަރުކާރު ހިއްވާސާ ކުންފުނިތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާނެ އެވެ.
ހަމައެހެން، އައްޑޫ ސިޓީގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި ޝޯތަކާއި ފެސްޓިވަލް ފަދަ އިވެންޓްތަކުގައި ވެސް އެފަދަ ޕްލާސްޓިކް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުން ނުކުރާނެ އެވެ.
ދެން ގަރާރުގައި ފަސް ލަނޑުދަނޑިއެއް ކަނޑައަޅާފައިވަނީ މި އަހަރުގެ ނިޔަލަށެވެ. އެގޮތުން އައްޑޫ ސިޓީގެ ސިޓީ ހޮޓެލްތަކާއި ގެސްޓް ހައުސްތަކާއި އައްޑޫގެ ރިސޯޓަކުން މިއަހަރުގެ ނިޔަލަށް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ޖެހޭނެ އެވެ. ހަމައެހެން މި އަހަރުގެ ނިޔަލަށް ގަން އިންޓަނޭޝަލް އެއާޕޯޓްގައި ވެސް އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަނާ ކުރަން ޖެހޭނެ އެވެ.
މި އަހަރުގެ ނިޔަލަށް އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްދޭ ހުރިހާ މުއައްސަސާއެއްގައި ވެސް އެފަދަ ޕްލާސްޓިކް ބޭނުންކޮށްގެން ނުވާނެ ކަމަށް ގަރާރުގައިވެ އެވެ. މި އަހަރުގެ ނިޔަލަށް ކަނޑައެޅި ފަހު ލަނޑުދަނޑިއަކީ މަސް ދޯނި ފަހަރާއި ދަތުރު ފަތުރުގެ ހިދުމަަތްދޭ އެއްގަމާއި ކަނޑުގެ ހުރިހާ ބާވަތެއްގެ އުޅަނދުތަކުގައި ވެސް އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ނުވާނެ އެވެ.
އަންނަ އަހަރުގެ ތިމާވެށީގެ ދުވަސް (ޖޫން 5)އާ ހަމައަށް އައްޑޫ ސިޓީ ކައުންސިލުން ހަތަރު ލަނޑުދަނޑިއެއް ގަރާރުގައި ވަނީ ފާސްކޮށްފަ އެވެ. އެއީ އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނަކުން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމެވެ. އަދި ވިޔަފާރި ހިދުމަތްދޭ މުއައްސަސާތަކުގައި ވެސް އެފަދަ ޕްލާސްޓިކް ހުއްޓާލުމެެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އައްޑޫގެ ހުރިހާ ގޭބިސީތަކާއި އައްޑޫގެ އާންމު ތަންތަނުގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށް ގަރާރުގައިވެ އެވެ. އެގޮތުން އެ ދުވަހުގެ ނިޔަލަށް މުޅި އައްޑޫ ސިޓީއަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް އެއްވެސް ވަރަކަށް ބޭނުން ނުކުރާ ސިޓީއެއް ކަމުގައި ވެގެންދާނެ ކަމަށް ގަރާރުގައިވެ އެވެ. އެ ދުވަހު، އައްޑޫ ސިޓީގައި އެފަދަ ޕްލާސްޓިކް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
މި ގަރާރުގައި އިއުލާން ކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު، ރާއްޖޭގެ ދެކުނުން އުތުރަށް ކުރިއަށް ގެންދާ ކައިޓް ސާފިންގެ ހަރަކާތް ފެށުމަށް ބޭއްވި ހަފުލާގަ އެވެ. "ރާޅުގުޑީ"ގެ މި ހަރަކާތަކީ އެފަދަ ޕްލާސްޓިކްއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ވެސްމެ އެވެ.