ދުނިޔެ

އެމެރިކާ ސިފައިންނަށް "އޮޅިގެން" ދެވުނު ހަމަލާއެއްގައި އަފްގާން ސިފައިންގެ އަށް މީހަކު މަރުވެއްޖެ

Jul 21, 2015

އެމެރިކާ ސިފައިންނަށް "އޮޅިގެން" އަފްގާނިސްތާނު ސިފައިންގެ ޗެކްޕޮއިންޓަކަށް ދެވުނު ވައިގެ ހަމަލާއެއްގައި އަފްގާން ސިފައިންގެ އަށް މީހުން އިއްޔެ މަރުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ވެރިރަށް ކާބުލްގެ ދެކުނުގައި އޮންނަ ލޮގަރު ޕްރޮވިންސްގައި ގާއިމްކޮށްފައިވާ ސިފައިންގެ ޗެކްޕޮއިންޓަކަށް އެރި މި ހަމަލާ ދީފައިވަނީ އެމެރިކާގެ ދެ އަސްކަރީ ހެލިކޮޕްޓަރަކުންނެވެ. އެއީ، އެ ދެ ހެލިކޮޕްޓަރު އެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް، ސިފައިންގެ ޗެކްޕޮއިންޓް ކައިރި ތަނެއްގައި ފިލާ ތިބި ހަނގުރާމަވެރިން މައްޗަށް ބަޑި ޖަހަން ފެށުމުން، ރައްދުގައި ދިން ހަމަލާއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެކަމަކު، ފަހުން އެ ސަރަހައްދަށް ދިޔަ އަފްގާނިސްތާނު ސިފައިންނަށް އަމާޒުކޮށް ވެސް [އެމެރިކާގެ ހެލިކޮޕްޓަރުތަކުން] ހަމަލާ ދިން،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބޭރުގެ ސިފައިންނަށް މި ގޮތަށް "އޮޅިގެން" ދެވޭ ހަމަލާތަކުގައި އަފްގާނިސްތާން ސިފައިން މަރުވާ މައްސަލަ ދޭތެރެ ދޭތެރެ އިން ކުރިމަތިވެ އެވެ. ބައެއް ފަހަރު، އެމެރިކާ ފަދަ ގައުމުތަކާއި އަފްގާނިސްތާނާ ދެމެދު އޮންނަ ގުޅުމަށް އަސަރު ވެސް ކޮށްފައިވެ އެވެ.

އިއްޔެގެ ހާދިސާ ހިނގި ލޮގަރު ޕްރޮވިންސްގައި ތާލިބާނުންގެ ބާރު މި ފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

އިއްޔެ މެންދުރެއްހާއިރު ހިނގި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތަކުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި އެމެރިކާ އާއި ގުޅިފައިވާ ނޭޓޯގެ ފައުޖުތަކުން ހިންގި ދިގު އޮޕަރޭޝަން މިދިޔަ އަހަރު ވަނީ ނިންމާލާފަ އެވެ. އެކަމަކު، އަފްގާން ސިފައިން ތަމްރީނު ކުރުމާއި އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަދު އަދަދެއްގެ ބޭރުގެ ސިފައިން އަދިވެސް އެ ގައުމުގައި ހަރަކާތްތެރިވަމުންދެ އެވެ.

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދޭ ހަމަލާތައް، ބޭރުގެ ފައުޖުތައް މިދިޔަ އަހަރު ފޭބި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ހަމަލާތަކުގެ ސަބަބުން، ސަރުކާރާއި ތާލިބާނުންނާ ދެމެދު މިހާރު ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ހިޔަނި އެޅިދާނެ ކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރައްވަމުންނެވެ.