ވިޔަފާރި

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފެއާ އަންނަ މަހު

Jun 19, 2019

ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް 2019) ފެއާ އަންނަ މަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް 2019) އޮންނާނީ އަންނަ މަހުގެ 15 އިން 17 އަށް މާލޭގެ ދަރުބާރުގޭގަ އެވެ.

ޕްރިންސިޕަލް ސްޕޮންސާގެ ގޮތުގައި ލިލީ އިންޓަނޭޝަނަލް ބައިވެރިވާ އެފްއެޗްއޭއެމް ފެއާ އިންތިޒާމު ކުރަނީ ދިވެހި އެކްސްޕޯ އާއި ސްރީލަންކާގެ ސީޑީސީ ކުންފުނި ގުޅިގެންނެވެ.

މި އަހަރުގެ ފެއާގައި ވެސް ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދިވެހިންނަށް ފުރުސަތުތައް ލިބޭ ގިނަ މުބާރާތް ތަކެއް އޮންނާނެ އެވެ.

މި އަހަރުގެ ފެއާގައި ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ޑަބްލިއުއޭސީއެސް) ސްޓޭންޑަޑަށް ރާއްޖޭގައި ބާއްވާ ކަލިނަރީ ޗެލެންޖު އޮންނާނެ އެވެ. މިއީ ރިސޯޓުތަކުގެ ޝެފުންގެ މެދުގައި މަގުބޫލު މުބާރާތެކެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކެއްކުމުގެ ދާއިރާ އިން ވަނީ ތަމްރީން ތަކެއް ވެސް ބާއްވާފަ އެވެ.

މި މުބާރާތުގެ އިތުރުން ކޮފީ ތައްޔާރު ކުރުމުގެ ހުނަރު ދައްކާލާ ބަރިސްޓާ ޗެލެންޖަކާއި ތަފާތު ބުއިންތައް ތައްޔާރު ކުރުމުގެ ހުނަރު ފެނިގެންދާ، މޮކްޓެއިލް ކޮމްޕެޓިޝަނެއް ވެސް އޮންނާނެ އެވެ. މި ދެ މުބާރާތުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ހައުސް ކީޕިން ދާއިރާގެ ކޮމްޕެޓިޝަނެއް މި އަހަރުވެސް އޮންނާނެ އެވެ.

އެފްއެޗްއޭއެމް ފެއާއަކީ ޓޫރިޒަމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އަދި ވިޔަފާރިވެރިންގެ ޖަމިއްޔާ އަދި ޝެފް ގްރިލްޑް އޮފް މޯލްޑިވްސް އާއި ޝެފް ގްރިލްޑް އޮފް ސްރީލަންކާ އިން އެންޑޯޒް ކޮށްފައިވާ ފެއާ އެކެވެ. މި ފެއާގެ މެއިން ސްޕޮންސާއަކީ ލިލީ އިން އެތެރެކުރާ ނެސްލޭ އެވެ.