ދުނިޔެ

ޗައިނާގެ ކުރީގެ ރައީސްގެ އިސް އެހީތެެރިއަކަށް ކޮރަޕްޝަންގެ ދައުވާކޮށްފި

Jul 21, 2015

ޗައިނާގެ ކުރީގެ ރައީސް ހޫޖިން ޓާއޯގެ އިސް އެހީތެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށް، ޕާޓީން ވަކިކޮށްފި އެވެ.

ކޮމިއުނިސްޓް ޕާޓީގެ ނިންމުންތައް ނިންމާ ކޮމިޓީން ނެރުނު ބަޔާނަކާ ހަވާލާދީ ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާ އިން އިއްޔެ ބުނި ގޮތުގައި ލިންގް ޖިންހުއާގެ މައްްޗަށް ކޮށްފައިވަނީ ރިޝްވަތު ނެގުމާއި ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތެވެ. އެ އަމަލުތަކުގެ ސަބަބުން، އޭނާ ވަނީ "ޕާޓީގެ ގަވާއިދުތަކާއި ސިޔާސީ އުސޫލުތަކާ ވަރަށް ބޮޑަށް ހިލާފުވެފައި" ކަމަށް އެ އެޖެންސީން ބުންޏެވެ.

"މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރަށް އޭނާ ވަނީ އަމިއްލަ ގޮތުންނާއި އާއިލާ މެދުވެރިކޮށް ރިޝްވަތު ނަގާފައި،" ކޮމިއުނިސްޓް ޕާޓީގެ ބަޔާނާ ހަވާލާދީ ޒިންހުއާ އިން ޝާއިއުކުރި ރިޕޯޓުގައިވެ އެވެ.

ކޮރަޕްޝަންގެ ތުހުމަތުގެ އިތުރުން، ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުކޮށް، އެ ދައުވާ ވެސް ޖިންހުއާގެ މައްޗަށް ވަނީ އުފުލާފަ އެވެ. ޒިންހުއާ އިން ބުނީ ޖިންހުއާ އެ އަމަލުތައް ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ އަންހެނުންގެ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށެވެ.

ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަކީ މުޖުތަމައުގައި ގަދަރުވެރި ބައެއް ކަމަށް ބުނެ، ބަދުއަހުލާގީ މައްސަލަތަކުގައި މެމްބަރުންނާ ދެކޮޅަށް ދޭތެރެ ދޭތެެރެ އިން ދައުވާކުރެ އެވެ. ހާއްސަކޮށް، ކޮރަޕްޝަންގެ ތުހުމަތުކުރާ އިސް އޮފިޝަލުންނާ ދެކޮޅަށް އެ ދައުވާ ކުރުން އާއްމެވެ.

ކުރީގެ ރައީސް ހޫޖިން ޓާއޯގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ޖިހުއާގެ މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2012 ވަނަ އަހަރު، އޭނާގެ ދަރިއަކު ވެރިރަށް ބެއިޖިންގައި މާ ބާރަށް ކާރު ދުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި މަރުވި މައްސަލައަކާ ގުޅިގެންނެވެ. އެ އެކްސިޑެންޓުގެ މާ ބޮޑު ތަފްސީލެއް މިހާތަނަށް ހާމަވެފައި ނުވިޔަސް، ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެކްސިޑެންޓްވިއިރު ކާރުގައި އޮރިޔާމުން ތިބި ދެ އަންހެނަކު ތިއްބެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު ޖިހުއާގެ މަގާމު ދަށްކުރި އެވެ. އަދި އޭނާގެ މައްޗަށް މިހާރު ދައުވާކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ހިންގަން ފަށާފައިވާ ކަމަށް މިދިޔަ ޑިސެމްބަރު ކޮމިއުނިސްޓް ޕާޓީން ބުނެފައިވެ އެވެ. އެއްވެސް ތަފްސީލެއް ނުދީ އޭރު ބުނެފައިވަނީ ޖިހުއާގެ މައްޗަށް ކުރަނީ "ސުލޫކީ ސީރިއަސް މައްސަލަތަކެއް"ގެ ތުހުމަތު ކަމަށެވެ. އެއީ ކޮރަޕްޝަންގެ ތުހުމަތުކޮށް ފިޔަވަޅު އަޅާ މައްސަލަތަކުގައި ޗައިނާ އިން އަބަދު ވެސް ބޭނުންކުރާ ބަސްމަގެވެ.

ޖިހުއާގެ އިތުރުން، އޭނާގެ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަަށް ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށްފަ އެވެ. އެކަމަކު، ރަސްމީކޮށް ތަހުގީގުކުރަން ފަށާފައިވަނީ ޖިހުއާގެ ބޭބެ، ލިންގް ޖެންސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އެކަންޏެވެ.

ޗައިނާގެ ކުރީގެ އިސް އޮފިޝަލަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަނެއްކާ ވެސް އަޅާފައި މި ވަނީ، ހޫޖިން ޓާއޯ އަށް ފަހު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޝީ ޖިންޕިންގް ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައި ވަނިކޮށެެެވެ.

އެ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިންގައި މިހާތަނަށް ވަނީ ސަރުކާރާއި ކޮމިއުނިސްޓް ޕާޓީގައި އެއް އިރެއްގައި އެންމެ ބާރުގަދަ އެތައް އޮފިޝަލުންތަކެއް މަގާމުން ދުރުކޮށް އެކިވަރުގެ އަދަބުތައް ދީފަ އެވެ. އެ ގޮތުން، ސުޕްރީމް ކޯޓުގެ ނައިބު ރައީސް ޒީ ޒިއައޮމިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މިިދިޔަ ހަފުތާގައި ވަނީ ތަހުގީގު ފަށާފަ އެވެ.

މީގެ އިތުރުން، ސަލާމަތީ ކަންކަމާ ބެހޭ ކުރީގެ ވެރިޔާ ޒޫ ޔޮންކަންގް އުމުރަށް ޖަލަށް ލާފައި ވާއިރު، އޭނާއާ ގާތް ގުޅުމެއް ބޭއްވި ގިނަ ބަޔަކު ވެސް ވަނީ ޖަލަށް ލާފަ އެވެ. އޭގެ ތެރޭގައި، ޒޫއާ ގާތް ގުޅުމެއް ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވަރަށް އިސް މެމްބަރެއް ކަމަށްވާ ބޯ ޝިލާ ހިމެނެ އެވެ. އޭނާ މިހާރު ހުރީ އަނބިމީހާ މަރާލިކަން ސާބިތުވެގެން ޖަލަށް ލާފަ އެވެ.