ބޭރު ކުޅިވަރު

ފީީފާ އިސްލާހު ކުރަން 11 މެމްބަރުންގެ ކޮމިޓީ އެއް

Jul 21, 2015

ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވާ ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާ ރިފޯމްކުރަން 11 މެމްބަރުންގެ ކޮމިޓީ އެއް އެކުލަވާލައިފި އެވެ.

މިކަން އިއުލާނުކުރީ ފީފާ ރިފޯމްކުރަން އެ ޖަމާއަތުގެ މިހާރުގެ ރައީސް ސެޕް ބްލެޓާ މިއަދު އެކްސްކޯ އަށް ހުށަހެޅުއްވި މަގުޗާޓާއެކުގަ އެވެ.

ފީފާގެ ރައީސް ކަމުން ބްލެޓާ އަންނަ ފެބްރުއަރީ މަހު އިސްތިއުފާދެއްވާނެ އެވެ. އޭނާގެ ބަދަލުގައި އާ ރައީސަކު ހޮވުމަށް ވޯޓުކުން އޮންނާނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބާއްވާ ހާއްސަ އިންތިހާބީ ކޮންގްރެސްގަ އެވެ.

ކޮރަޕްޝަނުގެ ޕްރެޝަރު ބޮޑުވެގެން ފީފާގެ ރައީސް ކަމުން އުމުރުފުޅުން މިހާރު 79 އަހަރުގެ ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެވީ މިދިޔަ މޭ މަހު ފަސް ވަނަ ދައުރަކަށް އޭނާ އިންތިހާބުވިތާ ތިން ދުވަސް ފަހުންނެވެ.

ފީފާ އަށް ރިފޯމް ކުރަންޖެހެނީ ކީއްވެ؟

ފީފާގެ ރައީސް ކަމުން އިސްތިއުފާދެއްވާނެކަން ބްލެޓާ އިއުލާނުކުރެއްވީ ޖޫން ދެ ވަނަ ދުވަހު އެވެ. އެއީ އޭގެ ތިން ދުވަސް ކުރިން ބޭއްވި އެ ޖަމާއަތުގެ ކޮންގްރެސްގެ ކުޑަވަގުތުކޮޅެއް ކުރިން ފީފާގެ އިސް 14 މެމްބަރަކު ހައްޔަރުކޮށްފައިވަނިކޮށެވެ.  އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އަމުރަކަށް ފީފާގެ އޮފިޝަލުން ސްވިޒަލޭންޑުގެ ފުލުހުން ހައްޔަރުކުރީ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅަން ނެގި ވޯޓުގައި ރިޝަވަތު ހިފާފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި ފަހުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާއްމުކުރި ރިޕޯޓްގައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ތެރޭގައި 150 މިލިއަން ޕައުންޑްގެ ހިޔާނާތް އެ ޖަމާއަތުގެ ވެރިން ވެފައިވާ ކަމަށެވެ. މިކަމަށް ބާރު ލިބެނީ މިނިވަން މެމްބަރެއްގެ ގޮތުން ވޯލްޑް ކަޕް ބިޑިން ޕްރޮސެސް ހިނގާފައިވާގޮތް ތަހުގީގުކޮށް، އެމެރިކާގެ މައިކަލް ގާސިއާ ތައްޔާރުކުރި ރިޕޯޓް ފީފާއިން ހާމަކުރަން ދެކޮޅު ހެދުމުންނެވެ. އެ ޖަމާއަތުން ފަހުން ޕްރެޝަނު ބޮޑުވެގެން ހާމަކުރީ އެ ރިޕޯޓްގެ ވަރަސް ކުޑަމިންވަރެކެވެ.