ޓޫރިޒަމް

ހަތް އަތޮޅެއްގެ ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނުގެ ހާލަތު ބަލައިފި

ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ މިންވަރު ބަލަން ސިފައިންނާއި ފުލުހުން ގުޅިގެން ޓޫރިޒަމުން ފެށި އިންސްޕެކްޝަން ޕްރޮގްރާމްގައި މިހާތަނަށް ހަތް އޮޅެއްގައި ހިމެނޭ ޓޫރިސްޓު ވިޔަފާރި ކުރާ ހުރިހާ ތަނެއްގެ ހާލަތު ބަލާފައިވާ ވަޒަން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހު ފެށި، އެ އިންޕެކްޝަންގެ ތެރެއިން މިހާތަނަށް އުތުރުގެ ހއ. އަތޮޅާއި ހދ. އަތޮޅާއި ގދ. އަތޮޅާއި ގއ. އަތޮޅުގެ އިތުރުން އައްޑޫ އަތޮޅާއި ފުވައްމުލަކާއި ފ. އަތޮޅުގައި ޓޫރިސްޓު ވިޔަފާރި ކުރާ ހުރިހާ ތަނެއް ބަލައި އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ހަތް އަތޮޅުގެ ހުރިހާ ރިސޯޓަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކާއި ޔޮޓް މެރީނާތައް ވެސް ހިމެނެ އެވެ.

މި އިންސްޕެކްޝަންތަކުން ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ބައެއް ތަންތަނާއި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ތަންތަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރިސޯޓް މުވައްޒަފުންގެ ރޭޝިއޯ އާއި ސާވިސް ޗާޖުގެ ކަންކަމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީފައި ވެއެވެ. އެކަމަކު އޭގެ ތަފުސީލުތަކެއް ނުދެއްވަ އެވެ.

"މި އިންސްޕެކްޝަންތަކުން ފާހަގަވެގެން ދިޔަ ރަޖިސްޓްރީ ނުކޮށް ހިދުމަތް ދެމުންދިޔަ ތަންތަން ހުރި. ސަލާމަތީ ގޮތުން އިތުރަށް ހަރުދަނާކުރަންޖެހޭ ތަންތަން އަޅުގަނޑުމެންނަށް ފާހަގަވި. އެކަންތައް ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަހަށް ރާއްޖޭގައި ހުރި އެފަދަ ހުރިހާ ތަނެއްގެ އިންސްޕެކްޝަން ނިންމާލާށެވެ. މިހާރު ވެސް ވ. އަތޮޅާއި ކ. އަތޮޅުގައި ޓޫރިޒަމް ވިޔަފާރި ކުރާ ތަންތަނުގެ އިންޕެކްޝަންތައް ކުރިއަށް ދެއެވެ. -- ސެޕްޓެމްބަރު މަހުގެ 27 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ.