އަލީ ވަހީދު

މެދު އަތޮޅުތަކަށް 2000 އެނދު އިތުރު ކުރުން ރަނގަޅެއް ނޫން: މިނިސްޓަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާ އެއް ގޮތަށް ރާއްޖޭގެ މެދު އަތޮޅުތަކަށް 2000 އެނދު އިތުރުކުރުން ރަނގަޅު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ މެދު އަތޮޅުތަކަށް ބެހިގެންދާ ގޮތަށް 2000 އެނދު އިތުރުކޮށްފިނަމަ، މިހާރު ތަރައްގީ ކުރަމުންދާ ރިސޯޓުތަކާއެކު 10000 އެނދު އިތުރުވެގެންދާނެ ކަމަށެވެ. އެހެންވެއްޖެ ނަމަ ބޭނުންވާ އަދަދަށްވުރެ މެދު އަތޮޅުތަކުގައި އެނދު ބާކީ ވެގެންދާނެ ކަމަށެވެ.

"އެ 2000 އެނދު އިތުރު ކޮށްފިނަމަ މާލެ އަތޮޅަށް އެނދުތައް އިތުރުވެ ފްލަޑްވެގެން ދޭ. އެހެންވީމަ 2000 އިތުރަށް ލާނެ ތޯ؟ ނޫނީ ނުލާނީ ތޯ؟ ކެމްޕެއިނުގައި އަޅުގަނޑުމެންނަށް އެހެން ދެންނެވުނަސް އަޅުގަނޑުމެންގެ ސަސްޓެއިނެބިލިޓީ އަށް ވިސްނާ އިރު އެ ބަހުގައި ހިފަހައްޓާނީތޯ ވިސްނަން ޖެހޭ!" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނިންމުމަށް ބަދަލެއް ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ދެމެހެއްޓެނެވި ގޮތަކަށް ޓޫރިޒަމް ތަރައްގީ ކުރުން ކަމަށެވެ. އެހެންކަމުން ޓޫރިޒަމަށް އާ ރަށްތައް ދޫކުރުމުގެ ކުރިން ވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ދިގު މުއްދަތަކަށް ގެއްލުންވާނެ ގޮތަށް އަވަސް އަރުވާލައިގެން ނިންމުމެއް ނުނިންމާނަން. އެ ގޮތުން ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ނެތި، ރަށްރަށުގެ ކައުންސިލްގެ ބަހެއް ނެތި އަޅުގަނޑުމެން އެއްވެސް ނިންމުމެއް ނުނިންމާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި އިސްކަން ދޭނީ އެ ވިޔަފާރި ފުޅާވެފައި ނުވާ އަތޮޅުތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ބޮޑުތިލަދުންމައްޗާއި އައްޑޫ ސިޓީ އާއި، ހުވަދު އަތޮޅާއި، ލ. އަތޮޅު މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.