ހަބަރު

ފަޅާ އެރުމުން ވަގަށް ނެގި ވޮލެޓް ފުލުހުންނާ ހަވާލުކޮށްފި

ފިހާރައެއްގެ ކައުންޓަރުގައި އޮތް މީހެއްގެ ވޮލެޓަކުން ވިޔަފާރި ކުރުމަށް ފަހު އެ ވޮލެޓު ވަގަށް ނަގައިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމުން އެ ވޮލެޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ސޯޝަލް މީޑީއާގައި އާއްމުވި ސީސީޓީވީ ވީޑިއޯގައި މީހަކު ފިހާރައަކުން ވިޔަފާރި ކުރުމަށް ފަހު ހަނދާނެތިގެން ކައުންޓަރު މަތީ އެ ވޮލެޓު ބާއްވާފައި ދެވެ އެވެ. އަދި އޭނާއަށް ފަހު ފިހާރައަށް ވަތް ދެމަފިރިއަކަށް އެ ވޮލެޓު ފެނިގެން އޭގެން ފައިސާ ނަގާ ވިޔަފާރި ކުރެ އެވެ. އެއަށް ފަހު ފިރިހެން މީހާގެ ޖީބަށް ލައިގެން ދެއެެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ ވޮލެޓުން ވަގަށް ވިޔަަފާރި ކުރި ދެމަފިރިން އިއްޔެ ފުލުހުންގެ އިދާރާއަށް އަމިއްލައަށް އައިސް އެ ވޮލެޓު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޮލެޓުން ބޭނުން ކުރި ފައިސާ އެއަށް ހަމަކޮށްފައިވާ ކަމެއް ޔަގީންކޮށް ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.