ހަބަރު

ވައި ލިބުމާއެކު، ރާޅުގުޑި މައްޗަށް!

މ. މަޑުއްވަރީއިން: ނާޒިމް ހަސަން
Jun 21, 2019

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރަން ނޫނީ ރާޅުގުޑި ދުއްވުމުގެ ތާރީހީ ބޮޑު ހަރަކާތް އައްޑޫ ސިޓީ ހިތަދޫގައި ފެށީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ސާފުކުރުމުގެ ހަރަކާތަކާއެކު ހަރަކާތް ރަމްޒީކޮށް ފެށުމަށްފަހު ރާޅުގުޑީގައި ހަތަރު އެޓްލީޓުން ދަތުރުގައި ނައްޓާލަން ހަމަޖެހިފައި އޮތީ އޭގެ އަނެއް ދުވަހު ފަތިހެވެ. އެކަމަކު، އެކަމަށް މޫސުން ޖާގައެއް ނުދިނެވެ.

ރާޅުގުޑި ދުއްވުމަކީ ވަޔަށް ބަރޯސާވެފައި އޮންނަ ކަމެކެވެ. ވައި ނެތްނަމަ ރާޅުގުޑި މައްޗަށް ހިއްލާ ނުލެވޭނެ އެވެ. އެ ދުވަހުގެ ފަތިހު އައްޑޫއަށް އެއްވެސް ވަރަކަށް ވަޔެއް ނުޖެހެ އެވެ. އައްޑޫގައި މަޑުކުރުން ވެސް ވައި ނުލިބުމުން މިސްރާބު ޖެހީ ގދ އަތޮޅަށެވެ. އެއަށްފަހު ލ. އަތޮޅަށެވެ. އެ ދެ އަތޮޅުގައި ވެސް ގުޑި އަރުވާލެވޭ ވަރެއް ނުވި އެވެ.

އެންމެފަހުން ނަސީބު އަތުގައި ހިފީ މިއަދު ހަވީރު މ. އަތޮޅުންނެވެ. މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ރާޅުގުޑި އަރުވާލަން ވައި ލިބުނެވެ. ރާޅުގުޑީގެ މިސްރާބު ބެހެއްޓީ މ. މަޑުއްވަރީއަށެވެ.

ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ރާޅުގުޑީގައި ދިޔުމުގެ ނިޔަތުގައި ފެށި މި ހަރަކާތުގެ ތާރީހީ ހަތަރު އެޓްލީޓުންނަކީ އާސިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން އެވެ.

ތުވަރު ތުނޑީ މަތިން ރާޅުގުޑީގައި ހަތަރު އެޓްލީޓުން ނައްޓާލީ ވަރަށް އުފަލުންނެވެ. އެހާ ދުވަހު ވައި ހޯދުމަށް ދުއްވާ ދުއްވާ، އެންމެ ފަހުން ވައިކޮޅެއް ލިބި އެހާ ދުވަހަށްފަހު ރާޅުގުޑި އަރުވާލެވުމުން ހަތަރު މީހުން ވެސް ތިބީ އަދަޔާ ހިލާފު ޖޯޝެއްގަ އެވެ. ކިރިޔަ ކިރިޔަ ރާޅުގުޑި އަރުވާލެވޭ ވަރަށް ވައި ހުރި ނަމަވެސް ހިތްވަރު އެލުވައި ނުލާ ވަރަށް ހިތްވަރާއެކު ހަތަރު އެޓްލީޓުން ވެސް ރާޅުގުޑި އަރުވާލި އެވެ.

ހަތަރު އެޓްލީޓުން ރާޅުގުޑީގައި މަޑުއްވަރީއަށް ދިޔައިރު އެ ރަށުގެ ކުދިބޮޑު ދެ ޖިންސުގެ މީހުން އޮތީ ރަށުގެ ބަނދަރު މަތީގަ އެވެ. ކުޑަކުދިން ސަގާފީ ހެދުމުގައި ނަލަ ހެދިލައިގެން ތިބިއިރު، އަންހެން ވެރިން މެހެމާނުންނަށް ކުރުނބާ ހިފައިގެން ތިއްބެވެ. ރަށުގެ ބޮޑުބެރު ގުރޫޕް އޮތީ މަރުހަބާއަށް ތައްޔާރަށެވެ. ހަތަރު އެޓްލީޓުން ރަށަށް އެރުމުގެ އުފުލުގައި ދަފި ވެސް ނެގި އެވެ. މި ރަށާ ހަމައަށް ރާޅުގުޑިއަށް އާދެވެމުން ރައްޔިތުން ތިބީ އުފަލުގެ ކޮޅެއް ނެތިފަ އެވެ.

މިރޭ ރާޅުގުޑީގެ ހަތަރު އެޓްލީޓުންނާއި ކްރޫ މަޑުއްވަރީގައި މަޑުކުރުމަށްފަހު މާދަމާ ހެނދުނު ހެނދުނާ އަނެއްކާވެސް ދަތުރުގައި ފުރާނެ އެވެ. އުއްމީދަކީ ރާޅުގުޑީގައި ދުއްވާލުމެވެ. މިސްރާބު ވ. އަތޮޅަށެވެ. އެއަށްފަހު މާފުއްޓާއި މާލެއަށެވެ. އެއީ މި ހަރަކާތުގެ އެންމެ ފޯރިގަދަވާނެ ހިސާބުވާނެ އެވެ.

"ދެކުނުން އުތުރަށް"ގެ ނަމުގައި "ރާޅުގުޑި"އިން ކުރިއަށް ގެންދާ މި ހަރަކާތަކީ ޕްލާސްޓިކާއި މޫދަށް ކުނި އެޅުމާ ދެކޮޅަށް ހިންގޭ ކެމްޕެއިނެއް ވެސްމެ އެވެ. ދަތުރުގައި މޫދުން ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގެ ގޮނޑުދޮށް ސާފުކުރަން ވެސް ވަނީ ނިންމާފަ އެވެ. މި ހަރަކާތުގައި ތިމާވެއްޓަށް މަސައްކަތް ކުރާ ޕާލޭ އެހީތެރިކަން ފޯރުކޮށްދެ އެވެ.

ރާއްޖޭގެ "އުތުރުން ދެކުނަށް" ހަތަރު ކައިޓް ސާފަރުން ކުރާ މި ދަތުރުގެ މައި ސްޕޮންސަރަކީ ސްލިންގްޝޮޓެވެ.