ހަބަރު

ޖަލު އޮފިސަރަކަށް ގްރޫޕަކުން ހަމަލާދީފި

Jun 23, 2019
3

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މާފުށީ ޖަލު ބަލަހައްޓާ އޮފިސަރަކަށް މާފުށީގެ ތެރެއިން ހަމަލާ ދީފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "އަވަސް" އަށް ވިދާޅުވީ މާފުށީ ޖަލު ބަލަހައްޓާ އޮފިސަރަކަށް މާފުށީގެ ތެރެއިން ހަމާލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީންނަށް އަނިޔާ ކުރި މައްސަލާގައި ސޯޝަލް މީޑިއާގައި ކަރެކްޝަންސްގެ ބައެއް އޮފިސަރުންގެ ފޮޓޯތައް ދައުރުވެ އެވެ. އެ ދުވަހުން ފެށިގެން ޖަލުގައި އިހުތިޖާޖު ކުރާ ކަމަށާއި ހަމައަކަށް ނޭޅޭ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ކަރެކްޝަންސް އިން ބުނީ ބުރާސްފަތި ދުވަހުގެ ފަހުން ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

ޖަލުގައި ގައިދީންނަށް އަނިޔާ ކުރި މައްސަލާގައި ކޮމާންޑަރަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ އިރު ހަ ގައިދީއަކަށާއި އެއް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެ އެވެ.

ގިނަ އަދަދެެއްގެ ޓޫރިސްޓުން ވެސް އުޅޭ މާފުށީގައި ސަރުކާރުގެ މައި ޖަލު ހުންނަ އިރު މީގެ ކުރިން ވެސް ޖަލުގައި ތަފާތު ހާދިސާތައް ހިނގަ އެވެ. ނަމަވެސް މާފުށީ ތެރޭގައި ޖަލާ ގުޅޭ ހަމަނުޖެހުންތައް ވަރަށް ނުހިނގަ އެވެ.