ހަބަރު

30 އަށްވުރެ ގިނަ "ރާޅުގުޑި" މާފުށިން މާލެއަށް

މާފުށިން: ނާޒިމް ހަސަން
Jun 23, 2019
1

"ރާޅުގުޑި ދެކުނުން އުތުރަށް" ކުރާ ދަތުރުގައި މިހާރު މަންޒިކޮށްފައިވާ މާފުށިން 30 އަށްވުރެ ގިނަ ކައިޓް ސާފަރުން ބައިވެރިވެ މިއަދު ވެރިރަށް މާލެއަށް ދަތުރު ކުރާނެ އެވެ. ރާޅުގުޑީގެ ރަސްމީ ހަތަރު އެތުލީޓުންނާއެކު މި ރާޅުގުޑިތައް މިއަދު ހަވީރު ލަފާނީ މާލޭގެ ރަސްފަންނަށެވެ.

ގެސްޓްހައުސްތަކާއި ވޯޓާސްޕޯޓްސްގެ މައި ރަށް، މާފުށީގައި މިހާރު މި ހަރަކާތަށް ދަނީ ތައްޔާރުވަމުންނެވެ. މާފުށިން ވެސް ގިނަ އަދަދެއްގެ ކައިޓް ސާފަރުން ނުކުންނައިރު ބ. ގޮއިދޫއިން ވެސް ކައިޓް ސާފަރުން ވަނީ މާފުއްޓަށް އައިސްފަ އެވެ.

މިއަދުގެ ހަރަކާތުގައި ފާހަގަކޮށްލެވޭ އެއް ބަޔަކީ ގޮއިދޫގެ ކައިޓް ސާފަރުންނެވެ. އެ ރަށުގެ 11 ކުޑަ ކުއްޖަކު، މި ދަތުރުގައި ކައިޓް ސާފުކުރާނެ އެވެ. އެންމެ ހަގު ކައިޓް ސާފަރުގެ އުމުރަކީ 10 އަހަރެވެ. ގޮއިދޫއަކީ ކައިޓް ސާފިންނާއި ރާޅާ އެޅުމާއި ސްކޭޓް ކުރަން ވަރަށް ހުނަރުވެރި ކުދިން އުޅޭ ރަށެކެވެ.

މިއަދު މެންދުރުފަހު ރާޅުގުޑީގައި 30 އަށްވުރެ ގިނަ ކައިޓް ސާފަރުން ނައްޓާލާއިރު އެމީހުންނަށް މާލެއަށް ދެވޭނީ މިއަދު ހަވީރަށެވެ. ހަވީރު ކައިޓް ސާފަރުން ލަފާނީ މާފަންނު ރަސްފަންނަށެވެ. އެ ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ އެވެ.

މިދިޔަ އަންގާރަ ދުވަހު ރާޅުގުޑި އައްޑޫ ސިޓީން ދަތުރު ފެށި ނަމަވެސް ވައި ލިބިގެން ރާޅުގުޑި އުދުއްސައިލެވޭވަރުވީ މ. އަތޮޅުންނެވެ. އައްޑޫ ސިޓީއިން ފެށިގެން މ. އަތޮޅާ ހަމައަށް ގުޑި އެރުވޭވަރަށް ވައެއް ނުލިބުނެވެ.

މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ކައިޓްގައި މި ދަތުރުގައި ބައިވެރިވާ ހަތަރު އެޓްލީޓުން ދިޔައީ މ. މަޑުއްވަރީއަށެވެ. އެއަށްފަހު އިއްޔެ ވަނީ ވ. އަތޮޅުގެ ފިނޮޅެއް ކަމަށްވާ މަޑިއްޕުޅު ފިނޮޅުން އެ އަތޮޅު ފުލިދޫއަށް ދަތުރުކޮށްފަ އެވެ. ފުލިދޫއިން ކައިޓްގައި މާފުއްޓަށް އައީ އިއްޔެ ހަވީރު އެވެ.

މި ހަރަކާތުގެ ހަތަރު އެޓްލީޓުންނަކީ އާސިމް މުހައްމަދު (ސިންބެ) އާއި އަހުމަދު ހަމްދާން (ހަންބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީ ޒޫން އެވެ.

"ދެކުނުން އުތުރަށް"ގެ ނަމުގައި "ރާޅުގުޑި"އިން ކުރިއަށް ގެންދާ މި ހަރަކާތަކީ ޕްލާސްޓިކާއި މޫދަށް ކުނި އެޅުމާ ދެކޮޅަށް ހިންގާ ކެމްޕެއިނެއް ވެސްމެ އެވެ. ދަތުރުގައި މޫދުން ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގެ ގޮނޑުދޮށް ސާފުކުރަން ވެސް ވަނީ ނިންމާފަ އެވެ. މި ހަރަކާތުގައި ތިމާވެއްޓަށް މަސައްކަތް ކުރާ ޕާލޭ އެހީތެރިކަން ފޯރުކޮށްދެ އެވެ.