ހަބަރު

އިންވެސްޓަރުން މަގުމަތި ކޮށެއް ނުލާނަން، ހައްލެއް ހޯދައިދޭނަން: މިނިސްޓަރު

ތިމާވެއްޓަށް ގެއްލުވާ ޓޫރިޒަމް މަޝްރޫއުތައް ހުއްޓުވި ނަމަވެސް، މި ސިނާއަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތައް މަގުމަތިކޮށް ނުލާނެކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު ދެއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވި ގާނޫނީ ގޮތުން ހަދާފައިވާ ހުރިހާ އެއްބަސްވުންތަކަށް މި ސަރުކާރުން ތަބާ ވާނެ ކަމަށެވެ. އަދި އެ ފަދަ މަޝްރޫއުތަށް ހިންގާ އިންވެސްޓަރުންނަށް ސޮލިއުޝަނެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްރޫއުތައް ކުރިއަށް ގެންދާއިރު ވެސް އެތަންތަން ހިމާޔަތް ވާގޮތަކަށް ނޫނީ ކުރިއަށް ނުގެންދަން ރައީސް ވަނީ އެދިލައްވާފަ. ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް ވެސް އަޅުގަނޑު ދަންނަވާލަން، މިހާރު މަޑު ޖައްސާލަން މިހެން އެންގުމަށްފަހު ސަރުކާރުން ސޮލިއުޝަނެއް ހޯދަން. މީގެ މާނައަކީ އެއްވެސް މީހަކު މަގުމަތި ކޮށެއް ނުލާނަމޭ. އަޅުގަނޑު ގަބޫލެއް ނުކުރުން މިކަމުގައި ކޯޓް ބެޓަލް [ޝަރުއީ ހަނގުރާމަ] އަކަށް ދާން ޖެހޭނެ ކަމަކަށް، ރާއްޖެ ތަރައްގީ ކުރުމުގައި އެންމެންގެ ހެވާއި ލާބައަށް ނިންމާ ނިންމުންތަކުގައި،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅަކުން ވެސް ހިމާޔަތް ކުރަންޖެހޭ ތަންތަން ހިމާޔަތް ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާ އެކަން ކުރާނެ ކަމަށެވެ.

"މި ފަދަ ތަންތަނަށް އެޓެންޑް ކުރާނަން. ކުރާއިރު ޗާންސެއް ނުނަގާނަން ތިމާވެއްޓަށް ގެއްލުންވާ ކަަމަކަށް. ހަމައެގޮތަށް ބައިންޑިން ކޮންޓްރެކްޓެއްނަމަ ސަރުކާރުން [ބަދަލަށް] ދައްކަން ޖެހޭ އެއްޗެއް ދައްކާނަން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ ގއ. އޮޑެގައްލާގައި ރިސޯޓު ތަރައްގީ ނުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމުމާ ގުޅިގެން، އެ ރިސޯޓުގެ އެއްބަސްވުން ބާތިލްކުރަން ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ އެ ރަށަކީ ތިމާވެށީގެ ހާއްސަ ސިފަ ތަކެއް ލިބިފައިވާ ރަށެއް ކަމަށާއި އެ ރަށަކީ ދޫނި ބިިސް އަޅާށާއި ނިދަން އަރާ ރަށެއް ކަމަށް ބުނެ އެވެ. އަދި އެ ރަށަކީ ބައެއް ދުވަސްވަރު ވެލާ ބިސް އަޅަން އަރާ ރަށެއް ކަމަށެވެ. އެ ރަށުގެ ފަރަކީ މުއްސަނދި ފަރެއް ކަމަށް ވެސް އީޕީއޭ އިން ބުނެފައިވެ އެވެ. މި އެއްބަސްވުން ބާތިލް ކުރިއިރު، މި ރަށް ހަދަން ހަވާލުވެފައިވާ ފަރާތުން ވަނީ ސަރުކާރަށް އެކުއެޒިޝަން ކޮސްޓުގެ ވެސް ފީ އާއި ސީއެސްއާރަށް ފަސްލައްކަ ޑޮލަރު ވެސް ސަރުކާރަށްދީ ރިސޯޓު ތަރައްގީ ކުރަން ބޭރުން ފައިނޭންސް ވެސް ހޯދާފަ އެވެ. އެ ފަރާތުން އޮޑެގައްލާ ހޯދީ ސަރުކާރުން ބީލަމަށް އެެރަށް ހުޅުވާލުމުންނެވެ. އަދި އެރަށަކީ ތިމާވެށީގެ ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއްކަން އީޕީއޭގެ ސަމާލު ކަމަށް ގެނައީވެސް އެފަރާތުންނެވެ.