ހަބަރު

ދެ ޔުނިވާސިޓީ އެއްކޮށްލަން މިނިސްޓަރު ޒާހިރު ދެކޮޅު

ގައުމީ ޔުނިވާސިޓީގެ ދަށުން އިސްލާމިކް ޔުނިވާސިޓީ ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް މިހާރު އޮތް ގޮތަށް ދެ ޔުނިވާސިޓީގެ ގޮތުގައި ވަކިން ހަރުދަނާކޮށް ތަރައްގީ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގިނަ މެމްބަރުން ތާއީދު ކޮށް އިއްޔެ ބަހުސް ކުރި އެވެ. މި އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ އެ ދެ ޔުނިވާސިޓީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. ބަހުސުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހަދަން ވާހަކަ ދައްކަވާ ތާއީދު ކުރައްވާފަ އެވެ.

މި ބަހުސަށްފަހު ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު، އަހްމަދު އަލީ ޒާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާއެއް ކަމަށެވެ. އަދި އެ ދެ ޔުނިވާސިޓީ ވަކި ދެ ޔުނިވަސިޓީގެ ގޮތުގައި ހަރުދަނާކޮށް ތަރައްގީ ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ދެ ޔުނިވާސިޓީ އެއްކޮށްލުމަށް މެމްބަރުން ދެއްކެވި ވާހަކަފުޅަށްފަހު އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗަންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އުސޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ގައުމީ ޔުނިވާސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އެބައި އައިޔޫއެމްގެ ދަށަށް ބަދަލު ކުރަން ފެންނަ ކަމަށެވެ.