ވިޔަފާރި

ވާވޭ ފޯނުން މޮޅު ފޮޓޯއެއް ނަގައިގެން، ވާވޭ ޕީ30 ޕްރޯ ފޯނެއް!

Jun 25, 2019
4

ވާވޭ ފޯނެއް ބޭނުން ކޮށްގެން ފޮޓޯ ނެގުމުގެ ހާއްސަ މުބާރާތެއް މެކްސްކޮމް ޓެކްނޮލޮޖީސް އިން ފަަށައިފި އެވެ.

ވާވޭ ފޯނުގެ ރާއްޖޭގެ ނޭޝަނަލް ޑިސްރިބިއުޓަރު، މެކްސްކޮމް ޓެކްނޮލޮޖީސް އިން ފަށާފައިވާ މި މުބާރާތް އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި މުއްދަތުގައި ވާވޭގެ ފޯނަކުން ފޮޓޯ ނަގައިގެން މެކްސްކޮމްގެ ފޭސްބުކް އަށް ފޮނުވުމުން ބައިވެރިވެވޭނެ އެވެ. މި މުބާރާތް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މެކްސްކޮމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މެކްސްކޮމް އަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެށި މި މުބާރާތުގައި ބައިވެރިވެވޭނީ ވާވޭގެ ފޯނު ތަކުން ނަގާ ފޮޓޯ ނަގައިގެން ކަމަށެވެ.

"އެޑިޓް ނުކޮށް ފޮޓޯ ފޮނު ވަން ވާނީ. އަޅުގަނޑުމެން [މެކްސްކޮމް] ގެ ފޭސްބުކް އަށް އިންބޮކްސް ކުރުމުން ބައިވެރިވެވޭނެ. ވާވޭގެ ކޮންމެ ފޯނަކުން ވެސް ފޮޓޯ ނެގޭނެ. މިއީ ފޯނެއް ހޯދަން ލިބޭ ރަނގަޅު ފުރުސަތެއް،" އޮފިޝަލް ވިދާޅުވި އެވެ.

ފޮނުވާ ފޮޓޯތަކުގެ ތެރެ އިން އެންމެ "ކްރިއޭޓިވް" ރީތި ފޮޓޯއެއް ހޮވައި، އެ ފަރާތަކަށް ވާވޭގެ އެންމެ ފަހުގެ ފޯނު ޕީ30 ޕްރޯ ފޯނެއް ލިބޭނެ އެވެ. މި ފޯނު މެކްސްކޮމް އިން ވިއްކަނީ 14،690ރ. އަށެވެ. މި ފޯނަށް މެކްސްކޮމް އިން އެއް އަހަރުގެ ވޮރަންޓީ ވެސް ދެ އެވެ. މިއީ މިހާރު ބާޒާރުގައި އެންމެ ވިކޭ އެއް ފޯނެވެ.

މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހަރުކޮށްފައިވާ ވާވޭ "ޕީ30" ފޯނު ހާއްސަ ކަމަކީ މިފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ. އަދި މި ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ.