ދުނިޔެ

އިންޑިއާގައި މުސްލިމެއްގެ ގައިގައި ތަޅާ މަރާލައިފި

އިންޑިއާގައި މުސްލިމް ފިރިހެނަކަށް ހަމަލާދީ އޭނައަށް އަނިޔާކޮށް މާރާލި މައްސަލާގައި ހިންދޫއަކު ހިފަހައްޓައި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް އިންޑިއާގެ ފުލުހުން ފަށައިފި އެވެ.

އިންޑިއާގެ ޖަރްކާންދު ސްޓޭޓްގެ ޚަރްސަވާން ޑިސްޓްރިކްޓްގައި 24 އަހަރުގެ ތަބްރޭޒް އަންސާރް ވައްކަން ކުރި ކަމަށް ތުހުމަތުކޮށް ބަޔަކު އޭނަ ގައިގަ ތަޅާ މަންޒަރު ފެންނަ ދިހަ މިނެޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމު ވެފަ އެވެ.

މިދިޔަ ހަފުތާ ތެރޭގައި ނަގާފައިވާ ވީޑިއޯގައި ހޮޅިދަނޑިއެއްގައި ބަނދެފައި ހުންނަ އަންސާރީއަށް "ޖޭ ޝްރީ ރާމް" އޭ ކިޔާ ހަޅޭއްލެވުމަށް މަޖުބޫރު ކުރުވާފައި ވެއެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ކަރްތިކް އެސް އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން އަންސާރްއަށް އަނިޔާކުރި މީހުން 12 ގަޑިއިރު ވަންދެން އޭނަ ގައިގާ ތަޅާފައި ވެއެވެ. އޭގެ ހަަތަރު ދުވަސް ފަހުން އޭނަ މަރުވެފައި ވަނީ އޭނައަށް ލިބިފައިވާ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށެވެ.

"މި ރަހުމުކުޑަ އަމަލު ހިންގުމުގައި އިސްވެ ހުރި މީހާ ވަނީ ހައްޔަރު ކޮށްފައި. ބާކީ ތިބި މީހުން ފިލައިފި. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ" ކަރްތިކް ވިދާޅުވި އެވެ. "މުޅި މިގައުމުގައި މިފަދަ އަނިޔާވެރިކަން އުފައްދާ އެފަދަ އަނިޔާވެރިކަމަށް ބާރުއަޅާ މާހައުލެއް ވަނީ އުފައްދާފަ"

އަންސާރްއަށް އަނިޔާކުރި މައްސަލާގައި އޭނަ ފުލުހުންނާއި ހަވާލުކުރުމަށް ފަހު އޭނަގެ މައްޗަށް ބެލޭ މައްސަލައެއް ފައިލްކޮށްފައިވާ ކަމަށް އިވިފައިވާ އަޑުތަކަށް ރައްދު ދެއްވަމުން މަންދެރް ވިދާޅުވަނީ އެއީ ފުލުހުންގެ އާދައެއް ކަމަށެވެ. މަންދެރް ވިދާޅުވަނީ ފުލުހުން އަނިޔާވި މީހާގެ މައްޗަށް ދައުވާ ކުރަނީ އަނިޔާކުރި މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން ކަމަށެވެ. އަދި އެއީ މިފަދަ އަނިޔާވެރިކަމަށް ބާރު އެޅޭ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.