ރާޅު ގުޑި އިވެންޓް

ރާޅުގުޑިއަށް ކުރެންދޫން ހަދިޔާ ދީފި

ޅ. ކުރެންދޫން: ނާޒިމް ހަސަން
Jun 25, 2019

ރާއްޖޭގެ ދެކުނުން އުތުރަށް ރާޅުގުޑި ކުރާ ދަތުރުގައި މިއަދުގެ ފަހު މަންޒިލެއްގެ ގޮތުގައި ޅ. ކުރެންދޫއަށް ދިއުމުން އެތުލީޓުންނަށް ކުރެންދޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހަތަރު އެތުލީޓުން މިއަދު ހެނދުނު ދަތުރު ފަށާފައި ވަނީ މާލެ އަތޮޅު ގާފަރުންނެވެ. ކައިޓް ސާފުކޮށްފައި މިއަދު ފުރަތަމަ ދިޔައީ ކާށިދޫއަށެވެ. މެންދުރުކާން އެ ރަށުގައި މަޑުކުރުމަށްފަހު ނައްޓާލީ ޅ. ކުރެންދޫއަށެވެ. އެ ދަތުރުގައި ބިޔަ ރާޅުތަކުގެ ކާށިދޫ ކަނޑަށް ނުކުތީ މެންދުރުފަހު 2:15 އެހާކަންހާއިރު އެވެ.

އޮއި ބާރު ކާށިދޫ ކަނޑުގައި ދަތުރުގައި ބައިވެރިވާ ހަތަރު އެތުލީޓުންނަށް ވެސް ވަރަށް ގަދަ ހިތްވަރެއް ލާން ޖެހުނެވެ. ކުރެންދޫގެ ގޮނޑުދޮށަށް ހަތަރު އެތުލީޓުންނަށް ލެފޭވަރުވީ ހަވީރު 4:05 ގައެވެ.

ކާށިދޫ ކަނޑުގައި ތެޅި ތެޅި، ވަރުބަލިވެފައި ތިބި ހަތަރު އެތުލީޓުންނަށް މަރުހަބާ ކިޔަން ކުރިންސުރެ ކުރެންދޫ އޮތީ ތައްޔާރުވެފަ އެވެ. އެ މަންޒަރު ފެނުމުން ވަރުބަލިކަން ފިލައިގެން ދިޔަ އެވެ. ކުރުނބާގެ މަރުހަބާއާއެކު ކުރެންދޫ ސްކޫލްގެ ކުދިން ވަނީ އެ ކުދިން އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ހަދިޔާތައް ރާޅުގުޑީގެ ދަތުރުގައި ހިމެނޭ އެންމެނަށް ދީފަ އެވެ.

އެކުދީން ހަދިޔާކޮށްފައި ވަނީ އުކާލާ ސަމާނު ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު ވައްތަރުގެ ސުވެނިއާ އެވެ. އޭގެ ތެރޭގައި މާ ޖަހާ ވައްޓާއި ޓުކުރި އާއި ބައިސިކަލާއި ދޯނި ފަދަ ތަކެތި ހިމެނެ އެވެ.

ކުރެންދޫ ޒުވާން އަންހެން ކުދިންތަކެއް ވަނީ ރާޅުގުޑީގެ އެތުލީޓުންގެ ޝަރަފުގައި ހާއްސަ ނެށުމެއް ވެސް ހުށަހަޅައިދީފަ އެވެ. އެތުލީޓުންނާއި ކުރޫން ތިބުމާއި ކެއުމުގެ ހުރިހާ ކަމެއް ހަމަޖައްސައިދީފައިވަނީ "އެކްސްޕްލޯ އައިލެންޑް އިން" އިން އެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ވެސް ބޮޑު އެހީއެއް ލިބުނެވެ.

ކުރެންދޫއާ ހިސާބުން މިއަދުގެ ދަތުރު ނިންމާލާފައިވާއިރު މާދަމާ ރާޅުގުޑި ދަތުރު ކުރާނީ ހިންނަވަރަށެވެ. އޭގެ ފަހަށް ނ. މަނަދޫއަށެވެ. ދެން އެ އަތޮޅު ޅޮއްސަށެވެ.

ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ ދާނީ ށ ފުނަދޫއަށެވެ. އެ ރަށުން ހދ. ކުޅުދުއްފުއްޓަށެވެ. ދަތުރުގެ އެންމެ ފަހު މަންޒިލަކީ ހއ. ތުރާކުނެވެ. އެއީ ރާއްޖޭގެ އެންމެ އުތުރަށް އޮތް ރަށެވެ. އެ ރަށުގައި އައްޑޫ ސިޓީއިން ފެއްޓި ހަރަކާތުގެ ނިންމުމުގެ ހަފުލާ އޮންނާނެ އެވެ.