ހަބަރު

48 ގަޑިއިރުތެރޭ ލުތުފީ ރާއްޖެ ގެންނަނީ

Jun 25, 2019
10

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަނބުރާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ޖެނުއަރީ 16، 2010 ގައި ލުތުފީ ސްރީލަންކާއަށް ބޭސް ފަރުވާއަށް ފޮނުވުމުން އެނބުރި އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހު 1 ގައި އޭނާ އަމިއްލައަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް އޭނާ އުޅެމުން އައީ އެމްބަސީގަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އާ ވާހަކަ ދައްކަމުން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތުގެ ފަހުގެ މަރުހަލާތައް މިހާރު ކުރިޔަށްދާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އަނބުރާ ރާއްޖެ ގެންނަން މަސައްކަތް ކުރާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވީހާވެސް އަވަހަށް ލުތުފީ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން،" އިޒްމިޔާ ވިދާޅުވި އެވެ.

ލަންކާގެ އެމްބަސީ ތެރޭ ލުތުފީ އުޅެމުންދާ ކަން އެންމެ ފުރަތަމަ ހާމަ ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "އަވަސް"އަށް ވިދާޅުވީ އޭނާ ސްރީލަންކާގެ އެމްބަސީއަށް ވަންނަން ޖެހުނީ މި ފަހުން އެ ގައުމުގައި ހިނގި ޓެރެރިސްޓް ހަމަލާތަކާ ގުޅިގެން ލަންކާ ފުލުހުން ކުރިޔަށް ގެންދިޔަ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންތަކާ ހެދި ކަމަށެވެ. ޕާސްޕޯޓެއް ނުވަތަ ޑޮކިއުމަންޓެއް ނެތް ލުތުފީ ހިމާޔަތް ހޯދަން ވަނީ އެމްބަސީއަށް ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލުތުފީ އިސްވެ ހުރެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި އެވެ. އޭނާއަށް އެ ކަމުގައި މަރުގެ ހުކުމް އިއްވުމަށް ފަހު ފަހުން ވަނީ އުމުރު ދުވަހު ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ލުތުފީ ލަންކާއަށް ނުފިލި ނަމަ 2014 ވަނަ އަހަރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނެ އެވެ.