ހަބަރު

ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ފަަންގިފިލައިން އެގޭގެ އެ ފަންގިފިލާގެ ބެލްކަންޗާއި ގުޅިފައިވާ ބައެއް މަގުމައްޗަށް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބެލްކަނީގެ ސިމެތި ޝީޓް ވެއްޓިފައި ވަނީ ހ. ރުއްދޮށުގެ ދެ ވަނަ ފަންގި ފިލާއިން ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށާއި އެ ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު މީހުނާއި 16 އަހަރުގެ ކުއްޖަކަށް ކަމަށެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ބެލްކަނި ދަށުވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި އެކެއްގެ ކަކުލާއި އުނަގަނޑަށްވެސް އަނިޔާވެފައިވާކަމަށް މަންޒަރު ދުށް މީހުނާ ހަވާލާދީ ބައެއް ފަރާތްތަކުން ވަނީ ބުނެފައެެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށް ވެއެވެ. އެހެން ނަމަވެސް އެމީހުންނަށް ފަރުވާދޭތީ ލިބުނު އަނިޔާގެ ތަފްސީލެއް އޭޑީކޭއިން އަދި ދީފައެއް ނުވެއެވެ.

މީގެ އިތުރުން މިއަދު ހަވީރު ވަނީ މާލެ ގްރޭންޑް އިމާރާތުން ބިއްލޫރި ގަނޑެއް ވެއްޓިފަ އެވެ. ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބަފަ ނުވާ ކަމަށެވެ.