ތަފާތު ހަރަކާތްތަކާއެކު އުރީދޫން ހަފުތާ ބަންދުގައި ބާއްވާ ކަލަ ރަންއާއެކު އައްޑޫ ފޯރި ގަދަ ވާނެ އެވެ.
އުރީދޫން ވަނީ ކަލަ ރަންއާ ދިމާކޮށް އައްޑޫގައި މާދަމާ އާއި ހޮނިހިރު ދުވަހު ގިނަ ހަރަކާތް ތަކެއް ހިންގަން ރާވާފަ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް އައްޑު އަތޮޅުގެ ހުރި ރައްޔިތުނަށް އެ ކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.
ހަފުތާ ބަންދުގައި އުރީދޫން ކުރި އަށް ގެންދާ ފޯރިގަދަ ހަރަކާތްތަކުގެ ތެރޭގައި:
އުރީދޫ ގުޑި މަހާސަމާ
ގުޑި އެރުވުމަށް ބާއްވާ "އުރީދޫ ގުޑި މަހާސަމާ" އޮންނާނީ ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ. އުރީދޫ ކަލަ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވާކްޝޮޕްތައް، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ސްޓޯލެއް ހިމެނޭނެ އެވެ. ހަމައެއާއި އެކު، އުރީދޫ ކަލަ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެ އެވެ.
ކަލަ ރަން: ހުކުރު ދުވަހު
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.
ސާފު ކުރާ ޓްވިޓްސާފު ހަރަކާތް
ހޮނިހިދު ދުވަހު އޮންނާނެ އެއް ހަރަކާތަކީ މުޅި އައްޑޫ ސާފު ކުރުމުގެ ހަރަކާތެވެ. ޓުވިޓާގެ ހާއްސަ ކޮމިއުނިޓީއަކުން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 3.00 ން 6.00 އަށް، އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި އެވެ. އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ހަރަކާތުގެ އިފްތިތާހީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގަ އެވެ. ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގަ އެވެ. ޓްވިޓްސާފުގެ މަގުސަދަކީ މުޅި ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލު ތަކެއް ގެނައުމުގެ މަގުސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބި ކުރާ ޖީލެއް އުފެއްދުމެވެ.
ކަލަ ރަން އައްޑޫ ކުރިއަށްގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އެވެ. މީގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ކަލަ ރަންގެ އިވެންޓް އޯގަނައިޒާ ކަމަށްވާ ޔުނިކްސް ސްޕޯޓިން އަދި ފުލުހުންނާއި ސިފައިން އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އައިލެންޑް އޭވިއޭޝަން ހިމެނެ އެވެ. މީގެ އިތުރުން އެހީތެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އީކުއޭޓާ ވިލޭޖާއި އައްޑޫ މެޑިސިޓީ އަދި އެޗްކޭ ރެންޓަލްސް، އާއި ނޯޓް ކޮސްމެޓިކްސް އަދި އީހަބްގެ އިތުރުން ބުރުޒު ކޭޓަރިންގް އާއި ވެމްކޯ އައްޑޫ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އައްޑޫ ލައިވް ހިމެނެ އެވެ.