ހަބަރު

އައްޑޫ ކުލަ ގަދަ ކޮށްލުމަށްފަހު އުރީދޫ ކަލަރަން ނިންމާލައިފި

Jun 29, 2019

މުއާސަލާތީ ކުންފުނި އުރީދޫގެ ކަލަ ރަން އިން އައްޑޫގައި ކުލަގަދަކޮށްލައި ގިނަ ހަރަކާތް ތަކެއް ހިންގުމަށްފަހު ރަން ނިންމާލައިފި އެވެ.

އުރީދޫ ކަލަ ރަން ހަރަކާތުގައި އިއްޔެ ހެނދުނު ބޭއްވި އެންމެ ފޯރިގަދަ އެއް ހަރަކާތަކީ އައްޑު އަތޮޅު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ކުރިއަށް ގެންދިޔަ "އުރީދޫ ގުޑި މަހާސަމާ" އެވެ.

އިއްޔެ ހެނދުނު 8.00 އިން 10.00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ތަފާތު އެކި ވައްތަރުގެ ގުޑިތަކާއެކު ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. ގުޑި މަހާސަމާގައި މަޑި އާއި ގުޑި އެރުވުމާއި މަޑި ހެދުމުގެ ވޯކްޝޮޕް އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކުގެ ސްޓޯލްތައް ވެސް ބެހެއްޓި އެވެ.

އުރީދޫ ކަލަ ރަންގައި ހިމެނޭ މައި ހަރަކާތަކީ ދުވުމެވެ. އެ ދުވުން ވެސް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ތަފާތު ހަރަކާތް ތަކެއް ހިމަނާފައިވާ ފަސް ކިލޯމީޓަރުގެ ކަލަ ރަންއަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފޯރިގަދަ މަޖާ ހަރަކާތެކެވެ. މި ހަރަކާތުގައި ކުލަ ޖެހުން ފަދަ ތަފާތު ކަންތައްތައް ވެސް އޮތެވެ.

އުރީދޫ ކަލަ ރަންގައި މިއަދު އޮންނާނެ އެންމެ ހާއްސަ ހަރަކާތަކީ އައްޑޫ ސާފު ކުރުމެވެ. ޓުވިޓާގެ ހާއްސަ ކޮމިއުނިޓީއަކާއި އުރީދޫ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 3:00 ން 6:00 އަށެވެ.

ކަލަ ރަންއަކީ ކުރިން މާލޭގައި ބާއްވާ ދުވުމެކެވެ. މީގެ ކުރިން މި ހާއްސަ ހަރަކާތް ބާއްވަމުން ގެންދަނީ ހުޅުމާލޭގަ އެވެ. އުރީދޫން ވަނީ މި އަހަރު ވެސް މާލެ ސަރަހައްދުގައި ވެސް ކަލަ ރަން އެއް ބާއްވަން ނިންމާފަ އެވެ.