ބޭރު ކުޅިވަރު

ގާޑިއޯލާގެ އަޑު އަހައިފިނަމަ އޭނާ ކުލަބުގައި ހުންނާނެ: ނޯޔާ

Jul 23, 2015

ކޯޗު ޕެޕް ގާޑިއޯލާގެ އެދޭ ކަންތައްތަކުގެ އަޑު ބަޔާން މިއުނިކުން އަހައިފިނަމަ އޭނާ ކުލަބުގައި ހުންނާނެ ކަމަށް އެ ޓީމުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

ޖަރުމަނުގެ އެއްވަނަ ކީޕަރު މިހެން ބުނީ ކުރިއަށް އޮތް ސީޒަނަށް ފަހު ގާޑިއޯލާ ބަޔާން މިއުނިކްދޫކޮށް އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އުޅޭކަމަށް ވާހަކަ ދެކެވެމުންދާ ވަގުތެއްގަ އެވެ.

ބާސެލޯނާގެ ކާމިޔާބު ކޯޗު ބަޔާން މިއުނިކާއެކު ހެދި ތިން އަހަރުގެ ކޮންޓްރެކްޓްގައި ބާކީ އޮތީ ކުރިއަށް އޮތް ސީޒަން އެކަންޏެވެ.

"ގާޑިއޯލާ ހުންނާނީ އޭނާގެ އަޑުވެސް އަހައިގެން. އަހަންނަށް ހަމަ ޔަގީން އޭނާ އެދޭކަންކަމުގެ ވާހަކަތައް ކުލަބުން އަހައިފިނަމަ އޭނާ މަޑުކުރާނެކަން،" ނޯޔާ ބުންޏެވެ.

ބަޔާންގެ ބައެއް ކުޅުންތެރިންނާ ގާޑިއޯލާ މައްސަލަ ޖެހިފައިވާކަމަށްވެ އެވެ. އަދި ނިމިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކެޓުމުން ކޯޗަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ނަމަވެސް ޓީމު އަލުން ބައްޓަންކުރުމަށް ގާޑިއޯލާ ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އޭނާ މިހާތަނަށް ޓީމަށް ގެންސްފައިވަނީ ޑަގްލަސް ކޯސްޓާ އެވެ.

ނޯޔާ ބުނީ ޑަގްލަސް އަކީ "ރޮކެޓެއް،" ކަމަށެވެ.

"އޭނާ އަކީ ރޮކެޓެއް ކަހަލަ މީހެއް. ދެ ފައިން ވެސް ކުޅޭނެ. އަރިމަތިން ދެ ފަރާތަށް ވެސް ކުޅޭނެ. އަހަރުމެންނަށް މުހިންމު ކުޅުންތެރިއެއް އޭނާއަކީ،" ނޯޔާ ބުންޏެވެ.

ބަޔާނުން ވަނީ މިޑްފީލްޑަރު ބަސްޓިއަން ސްވެންސްޓައިގާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލައިފަ އެވެ. ނަމަވެސް ތޯމަސް މުލާ ޔުނައިޓެޑަށް އަދި މާރިއޯ ގޮޓްޒާ ޔުވެންސްޓަސް އަށް ނުވިއްކާނެ ކަމަށް ކުލަބުންވަނީ ބުނެފަ އެވެ.