ހަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އާޒިމް، ޑެޕިއުޓީއަށް އިލްޔާސާއި ޝަހީމް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތި ލައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެޕާޓީން ޕާލިމެންޓްރީ ގުރޫޕުގެ އިންތިހާބަށް ހުޅުވާލި މަގާމުތަކުގެ ތެރެއިން ހަމަ އެކަނި ވާދަވެރިކަމެއް އޮތީ ވިޕުންގެ މަގާމުގަ އެވެ. ވިޕުންގެ ގޮތުގައި 6 މެމްބަރަކު އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، 7 މެމްބަރަކު ވަނީ އެކަމަށް ކުރިމަތިލާފަ އެވެ. އެހެން ހުރިހާ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އިއުލާން ކުރި އަދަދަށެވެ.

އެގޮތުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޑެޕިއުޓީ ލީޑަރުންނަށް ކުރިމަތިލެއްވީ ހެންވޭރުދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އަމީން އާންމުގެ މަގާމަށް އަލިފުށި ދާއިރާގެ މުހައްމަދު ރަޝީދު ހުސައިން ކުރިމަތި ލެއްވި އިރު، އަމީން އާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވީ، ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދުދީދީ އެވެ.

މީގެ އިތުރުން، ޕާލިމެންޓްރީ ގުރޫޕުގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. ވިޕުންގެ ގޮތުގައި އިންތިހާބު ވުމަށް ހުށަހެޅި ހަތް މެމްބަރުންނަކީ، ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމާއި، ފޭދޫ ދާއިރާގެ މުހައްމަދު ނިހާދާއި، ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިޒުއާއި، އިހަވަންދޫ ދާއިރާގެ މުހައްމަދު ޝިފާއުގެ އިތުރުން، ކުޅުދުއްފުށި އުތުރު ދާއިރާގެ ޔާސިރު އަބުދުލް ލަތީފާއި، ތިނަދޫ އުތުރު ދާއިރާގެ އަބުދުލް މުޣުނީ އެވެ.

އެމްޑީޕީގެ ފާލިމެންޓްރީ ގްރޫޕްގެ އިންތިހާބް އޮންނާނީ 2 ޖުލައި 2019 ވާ އަންގާރަ ދުވަހު އެވެ.