ބޭރު ކުޅިވަރު

އިންޑިއާގެ ކެޕްޓަން ދޯނީ ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފި

މުމްބާއީ (ޑިސެމްބަރު 31) – އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަން މަހެންދުރަ ސިންގް ދޯނީ ޓެސްޓް މެޗުތައް ކުޅުން ހުއްޓާލައިފި އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓެސްޓް ޓީމަށް ކުޅެމުންދާ ދޯނީ ،33،ގެ ޓެސްޓް ކެރިއަރުގެ ފަހު މެޗަކަށްވީ އޮސްޓްރޭލިއާއާ ދެކޮޅަށް އަންގާރަ ދުވަހު އިންޑިއާ ކުޅުނު މެޗެވެ. އެ މެޗު އެއްވަރުވުމުން އޮސްޓްރޭލިއާ އަށް ވަނީ ސީރީސް ކާމިޔާބުވެފަ އެވެ.  

ދޯނީ ޓެސްޓް ކްރިކެޓް ކުޅުން ހުއްޓާލީ ޓްވެންޓީ ޓްވެންޓީ އާއި 50 އޯވަރުގެ ކްރިކެޓަށް އިތުރު ސަމާލުކަން ދިނުމުގެ ގޮތުންނެވެ.

އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންކަމާ ދޯނީ ހަވާލުވީ 2008 ވަނަ އަހަރެވެ. އިންޑިއާގެ ޓެސްޓް ޓީމަށް ދޯނީ ކުޅުނު 90 މެޗުގެ ތެެރެއިން، 60 މެޗު ކުޅެފައިވަނީ ކެޕްޓަންގެ ގޮތުގަ އެވެ.

"ދޯނީ އަކީ އިންޑިއާގެ ޓެސްޓް ޓީމަށް މިހާތަނަށް ކުޅުުނު އެންމެ މޮޅު އެއް ކެޕްޓަން،" އިންޑިއާގެ ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ދޯނީގެ ނިންމުމަށް އިހުތިރާމްކުރަން. އަދި އިންޑިއާ އަށް އޭނާ ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަން."

އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ޓެސްޓް ސިލްސިލާގެ ފަހު މެޗުގައި ދޯނީގެ ބަދަލުގައި އިންޑިއާގެ ކެޕްޓަންކަން ކުރާނީ ވިރަތު ކޯލީ އެވެ. ފަހު މެޗު ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.