ހޮލީވުޑް

ބޮކްސް އޮފީހުގައި ޖުރެސިކްވޯލްޑް ނުހިފެހެއްޓި ރިކޯޑަކަށް!

Jul 23, 2015

"ޖުރެސިކް ވޯލްޑް" ޓީ-ރެކްސްތައް ބޮކްސް އޮފީހަށް ނެރެ މާވެލްގެ އެވެންޖާސްތައް ބަލިކޮށް މި ސިލްސިލާ އާ އުސްމިނަކަށް ގެންގޮސްފި އެވެ. ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ގިނަ ފައިސާ ހޯދި ތިންވަނަ ފިލްމަކީ މިހާރު "އެވެންޖާސް" އެއް ނޫނެވެ. 

އެ ފިލްމަކީ "ޖުރެސިކް ވޯލްޑް" އެވެ.

މި ލިސްޓުގެ އެއް ވަނައިގައި އޮތީ 2009 ވަނަ އަހަރު ނެރުނު "އެވެޓާ" އަދި ދެ ވަނާގައި އޮތީ 1997 ވަނަ އަހަރު ނެރުނު "ޓައިޓޭނިކް" އެވެ. އަދި 2012 ވަނަ އަހަރު ނެރުނު "އެވެންޖާސްގެ" ރެކޯޑް މުގުރާލަން "ޖުރެސިކް ވޯލްޑަށް" މާބޮޑު އުނދަގުލަކަށް ނުވެ މިހާރު ވަނީ މި ފިލްމުގެ ބޮކްސް އޮފީސް ޖުމްލަ 1.52 ބިލިޔަން ޑޮލަރަށް އަރުވައިފަ އެވެ.

އުތުރު އެމެރިކާ އިން އެކަނި ވެސް މި ފިލްމަށް 614.3 މިލިޔަން ޑޮލަރު ލިބިފައިވެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމަށް 907.3 މިލިޔަން ޑޮލަރު ލިބިފައިވާއިރު މި ފިލްމަކީ އުތުރު އެމެރިކާ ގެ ބޮކްސް އޮފީހުގައި މިހާތަނަށް 600 މިލިޔަން ޑޮލަރު ފަހަނަޅައި ދިޔަ ހަތަރު ވަނަ ފިލްމެވެ.

މިހާރު މި ފިލްމް ނާޅުވާ ހަމައެެކަނި ގައުމަކީ ޖަޕާންއަށް ވިޔަސް، އަންނަ މަހު ފަހެއްގައި ފިލްމް ސިނަމާތަކުގައި އަޅުވާ ޓިކެޓުތަކެއް ހޯސްލާފައި ވިކި ހުސްވާނެ ކަމުގެ އެއްވެސް ޝައްކެއްނެތެވެ.

ޓައިޓޭނިކް ނެރި އެތަކެއް އަހަރެއްވެ، އެ ފިލްމަށް 2.18 ބިލިޔަން ޑޮލަރު ލިބުނުއިރު ހަ އަހަރު ތެރޭގައި "އެވެޓާ" 2.79 ބިލިޔަން ޑޮލަރު ހޯދާފައިވެއެވެ. އެހެންކަމުން އެއް މަސް ތެރޭގައި 1.52 ބިލިޔަނަށް އަރާފައިވާ "ޖުރެސިކް ވޯލްޑް" އަހަރުތަކެއްގެ ރެކޯޑުތަކެއް ބިންދާލަައި ލިސްޓުގެ ކުރިއަށް ދެމިލަން މާބޮޑު އުނދަގުލަކަށް ވާނެހެނެއް ވެސް ހިޔެއް ނުވެއެވެ.