ދުނިޔެ

ހޮންކޮންގު ފުލުހާއި އާންމުންނާދެމެދު ކުރިމަތިލުންތަކެއް

Jul 1, 2019

ހޮންގް ކޮންގް (ޖުލައި 1) - ހޮންގް ކޮންގްގެ ހިންގުން ޗައިނާއާ ހަވާލުކުރި ފަހުން 22 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ގިނަ ބަޔަކު އަނެއްކާވެސް މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުންނާ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެގޮތުން، މުޒާހަރާގެ ބައިވެރިން ވަނީ ހޮންގް ޖޮންގް ލެޖިސްލޭޓިވް ކައުންސިލްގެ އިމާރާތަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އެ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި ދޮރުތައ ހަލާކުކުރަން ކުރި މަސައްކަތް ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރަމުންދާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އަދި އެތަކެއް ހާސް މީހުން ވަނީ ސަރުކާރު އޮފީސްތައް ހުންނަ ސަރަހައްދު ކައިރީގައި ހުންނަ މަގުތައްވެސް ބްލޮކްކޮށްފަ އެވެ.

އިނގިރޭސި ވިލާތުން ހޮންގްކޮންގް ޗައިނާ ސަރުކާރާއި 1997 ވަނަ އަހަރު ހަވާލުކޮށްފައި ވާއިރު މިއަދު ހެނދުނު މުޒާހަރާއަށް ނުކުމެފައިވަނީ، ޗައިނާއާއަށް ކުށްވެރިން ބަދަލު ކުރެވޭ ގޮތަށް އެކުލަވައިލި އެކްސްޓްރަޑިޝަން ބިލާ ދެކޮޅަށް އެތަކެއް ހަފްތާއެއް ވަންދެން މިލިއަނަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައި ވަނި ކޮށެވެ.

އެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، އެ ބިލް ފާސްކުރުން ވަނީ ފަސްކޮށްފަ އެވެ. ހޮންގް ކޮންގް ގެ ޗީފް އެގްޒެކަޓިވް ކޭރީ ލޭމް ވިދާޅުވީ އެގޮތަށް ނިންމީ ރައްޔިތުންގެ އަޑުއަހަން ކަމަށެވެ.

ނަމަވެސް، ފާސްކުރުން ފަސްނުކޮށް އެ ބިލު އަނބުރާ ގެންދަން ގިނަ ބަޔަކު އަދިވެސް ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ތެރެއިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އަނިޔާވި މީހުންނަށް ސަރުކާރުން މައާފަށް އެދެންޖެހޭކަމަށް އެމީހުން ދަނީ ބުނަމުންނެވެ.