ހަބަރު

ޖޭޕީ ތަމްސީލު ކުރާނެ ދާއިރާ ރައީސުން ހޯދަނީ

އިންތިހާބީ 87 ދާއިރާއިން ޖުމްހޫރީޕާޓީ ތަމްސީލު ކުރާނެ ދާއިރާ ރައީސުން ހޯދަން އެ ޕާޓީން ނިންމައިފި އެވެ.

ޖޭޕީން އެ ގޮތަށް ނިންމާފައިވަނީ އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ކައުންސިލް ބައްދަލުވުމަށް ފަހު ޖޭޕީގެ ސެކެޓްރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ، އެ ޕާޓީގެ ކުރިމަގުގެ އަމާޒަކީ ޕްރައިމަރީ ބާއްވައިގެން ވީހާވެސް ގިނަ ފަރާތްތަކަކަށް އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ކަންކަން ކުރުން ކަމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދި އިންތިހާބީ 87 ދާއިރާއަށް އެޕާޓީގެ ރައީސުން އިންތިހާބު ވެގެންދިއުމުން، އެ ޕާޓީގެ ކުރިމަގު އުޖާލާވާނެ ކަމަށާއި، ދާއިރާ ރައީސުންނަށް ޕާޓީގެ ކައުންސިލަށް ވެސް އާދެވޭނެ ކަމަށެވެ. އެއާއެކު ކައުންސިލަށްވެސް އިތުރު 87 މެމްބަރުން އިތުރުވާނެ ކަމަށެވެ.

ދާއިރާގެ ރައީސުންގެ މައްސޫލިއްޔަތުތަކާއި، ޝަރުތުތައް ވެސް ޖޭޕީން މިހާރު ވަނީ ފާސްކޮށްފަ އެވެ.

ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޖޭޕީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ވެސް ކުރިމަތިލާން ހުޅުވާލާފަ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެން އޮންނަ ކައުންސިލް ބައްދަލުވުމެއްގައި އެ މަގާމަށް ބޭފުޅަލކު އިންތިހާބު ކުރާނެ އެވެ. ޖޭޕީގެ ނައިބް ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަބުދުﷲ މައުސޫމް އިސްތިއުފާ ދެއްވުމުންނެވެ.