ފިނިޕޭޖް

"ދަ ނޯޓްބުކަ"ށް 15 އަހަރު

ނިކޮލަސް ސްޕާކްސްގެ ލިޔެފައިވާ "ދަ ނޯޓްބުކް" ގެ މައްޗަށް 2004 ވަނަ އަހަރު އުފައްދާ ރިލީޒްކުރި ފިލްމަށް 15 އަހަރު މި ދިޔަ ޖޫން 25 ގައި ފުރިއްޖެ އެވެ.

ރޮމޭންޓިކް ނުވަތަ ޗިކްފިލިކް ބަލާހިތްވާ މީހުންގެ މެދުގައި މި ފިލްމު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާއިރު ލޯބީގެ ފިލްމްތަކުގެ ލިސްޓެއް ކިޔާނަމަ މި ފިލްމަކީ އަދިވެސް ފެވަރިޓެއް ގޮތުގައި ލިސްޓަށްލާ ފިލްމަކަށް ވެއެވެ.

ރަޔާން ގޮސްލިން އާއި ރޭޗަލް މެކްއަޑަމްސް އެކްޓް ކޮށްފައިވާ މި ފިލްގައި ދައްކުވައި ދެނީ އެލީ އާއި ނޯއާ ހޫނު މޫސުމުގައި ސައުތް ކެރޮލީނާގެ ކުޑަ އަވަށަކަން ދިމާވެ ލޯތްބެއް ފެށޭ ހިސާބެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމާ އާއި މައިންބަފައިންގެ ނުފޫޒާއި އާއިލާގެ ތަފާތު ކަމުން އެ ދެ މީހުން އެތައް އަހަރެއް ވަންދެން ވަކި ވެއެވެ.

ފިލްމުން ދެން ދައްކައި ދެނީ އެ ދެމީހުން އަލުން ބައްދަލުވެ ގުޅޭ ހިސާބެވެ. އުމުރުން ދުވަސްވެ އެލީ ހަނދާން ނެތޭ ބަލީގެ ޝިކާރައަކަށްވެ އުމުރުން ދުވަސްވީ މީހުން ތިބޭކަހަލަ ނާސިން ހޯމެއްގައި ނޯއާ އާއި އެކީގައި ހަޔާތުގެ ދުވަސްތަށް ވޭތު ކުރެއެވެ. ނޯއާގެ މަސައްކަތަކަށް ވަނީ އެ ދެމީހުން ނިދީގައި އެކީގައި މަރުވަން ދެން ވެސް އެލީއަށް އެމީހުންގެ ލޯބީގެ ވާހަކަ ހަނދާންކޮށް ދިނުމެވެ.

މި ފިލްމަށް ފަހު ކޯސްޓާރުން ރަޔާން ގޮސްލިން އާއި ރޭޗަލް މެކްއެޑަމްސް ވެސް 2005 ގައި ލޯބީގެ ގޮތުން ގުޅިފައި ވެއެވެ. ނަމަވެސް މި ދެ ތަރިން 2007 ވަނަ އަހަރު ވަކިވުމަށްފަހު އެއްގޮތަކަށް ވެސް އެކީގައި ފެނިފައި ނުވާކަމަށް ރިޕޯޓްތަކުގައި ވެއެވެ.