ހަބަރު

ރޯގާ ޖެހިގެން އަންނަ މީހުން އިތުރުވެ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް

Jul 2, 2019

ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި ފްލޫ ކްލިނިކުގެ ހިދުމަތް ގާއިމުކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، އެފަދަ މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ފްލޫ ކްލިނިކްގައި ދެވޭގޮތަށް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 12:00 އަށް ކަމަށް ވެސް އެ ހޮސްޕިޓަލުން އިތުރަށް ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފައިވަނީ ޖޫން މަހު މެދުން ފެށިގެން އިންފްލުއެންޒާ ބީ އިތުރުވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނިކޮށެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިންފްލުއެންޒާ ބީ ގެ 57 ކޭސް މިދިއަ މަހު ރެކޯޑްކޮށްފައިވެ އެވެ. އަދި ޓެސްޓް ކުރި ފަރާތްތަކުގެ ތެރެއިން 40 ޕަސަންޓް މީހުން އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.