މައުމޫން ހަމީދު

ބާ ކައުންސިލް ރައީސް ކަމަށް ސުއޫދާ ވާދަކުރަން މައުމޫން ހަމީދު

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް އަލަށް އުފައްދާ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީިދު ވާދަ ކުރައްވަން ނިންމައިފި އެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. ގުޅިގެން ބާ ކައުންސިލް މިނިވަން ތަނަކަށް ހަދައި ހައްގު ބަސް ބުނާނެ ކަމަށެވެ.

ބާ ކައުންސިލް ރައީސް ކަމަށް މައުމޫން ހަމީދު ކުރިމަތިލައްވާފައި ވާއިރު، ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް ވަނީ ރައީސް ކަމަށް ކުރިމަތިލައްވާފަ އެވެ.

އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހު އެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އޭގެ އަނެއް ދުވަހު އެވެ.