އިމިގްރޭޝަން

ސަރަހައްދުގައި އެންމެ ވަރުގަދައީ ދިވެހި ޕާސްޕޯޓް

ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓެއް މިއަދު އާއްމުކޮށްފި އެވެ. ސިންގަޕޫރާއި ޖަޕާނުން މި ލިސްޓުގެ އެންމެ ކުރި ހޯދާފައިވާއިރު ރާއްޖެ ހިމެނޭ ސަރަހައްދުގައި އެންމެ ރަނގަޅު ދަރަޖެއް ލިބިފައިވާ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓެވެ.

"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން މި ލިސްޓު ތައްޔާރުކޮށްފައިވާއިރު، ޕާސްޕޯޓް ހިފައިގެން ވިސާ އާ ނުލާ ދެވޭ ގައުމުތަކާއި ވިސާ އޮން އެރައިވަލް އަށް ބަލައި ވަނީ އެކި ގައުމުތައް ރޭންކޮށްފަ އެވެ.

މިއަދު އާއްމުކުރި ލިސްޓުގައި 109 ގައުމެއްގެ ޕާސްޕޯޓް ރޭންކު ކޮށްފައި ވެއެވެ. މުޅި ލިސްޓުގެ 62 ވަނައިގައި އޮތީ ދިވެހި ރާއްޖެ އެވެ. އެ ސްޓެޓަސްގައި ރާއްޖެ އޮތީ 84 ޕޮއިންޓާއެކު އެވެ. ޕޮއިންޓު ދީފައިވަނީ ވިސާ ނުލާ ދެވޭ ގައުމުތަކަށް ބަލައިގެނެވެ.

އަވަށްޓެރި ސްރީލަންކާ ލިސްޓްގައި ދަރަޖަކޮށްފައި އޮތީ 99 ވަނައިގަ އެވެ. އަދި ބިން ބޮޑު ބައިބޯ އިންޑިއާ 86 ވަނައިގައި އޮތް އިރު ބޫޓާން ހިމެނުނީ 92 ވަނައިގަ އެވެ. ޕާކިސްތާނަށް ލިބުނީ ފުލުން ހަތަރު ވަަނަ އެވެ. އެ ލިސްޓުގައި ރާއްޖެ އުޅެނީ 74 ވަނާގައި އޮތް ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު އަދި އެންމެ ބައިބޯ ޗައިނާއަށް ވުރެ ވެސް ކުރީގައި އެވެ.

އެންމެ ވަރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގެ އެންމެ ފުލުގައި އޮތީ، އަފްޣާނިސްތާން އެވެ. އެ ގައުމުގެ ޕާސްޕޯޓާއެކު ވިސާއާ ނުލާ ދެވެނީ 25 ގައުމަށެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރި ޕާސްޕޯޓް ބަދަލުކޮށް އާ ޑިޒައިނަކަށް ޕާސްޕޯޓް ނެރެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އަދި، އިމިގްރޭޝަން ރީބްރޭންޑްކޮށް ނެރުނު ޕާސްޕޯޓަކީ ސަލާމަތީ ގޮތުން މިހާތަނަށް ހެދި އެންމެ ވަރުގަދަ ޕާސްޕޯޓު ކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ. އޭގެ ފަހުން އެ ސަރުކާރުގައި ޕާސްޕޯޓް ކާޑްވެސް ތައާރަފުކޮށްފަ އެވެ.