ބޭރު ކުޅިވަރު

ރާމޯސް އެހެން ކުލަބަކަށް ނުދާނެކަން 100 ޕަސެންޓް ޔަގީން: ކޯޗު

Jul 23, 2015

ކުލަބު ބަދަލުކުރަން މީގެ ދުވަސްކޮޅެއް ކުރިން ގަދަދެއްކި ރެއާލް މެޑްރިޑުގެ ސްޕޭން ޑިފެންޑަރު ސާޖިއޯ ރާމޯސް އެކުލަބު ދޫކޮށްނުދާނެކަން 100 ޕަސެންޓް ޔަގީން ކަމަށް ކޯޗު ރެފާ ބެނީޓޭޒް ބުނެފި އެވެ.

"ސާޖިއޯ ރާމޯސް ހުންނާނީ އަހަރުމެންނާއެކު. އަހަންނަށް (މިކަމުގައި) 100 ޕަސެންޓް އެބައޮތް. އަހަރެން މިކަން ވަރަށް ބޮޑަށް ސާފުކޮށްދެން. އޭނާއަކީ އަހަރުމެންގެ ވަރަށް މުހިންމު އަދި އިސްކުޅުންތެރިއެއް،" މިދިޔަ މޭ މަހު ރެއާލްގެ ކޯޗުކަމާ ހަވާލުވި ބެނީޓޭޒް ބުންޏެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު މިހެން ބުނީ މިދިޔަ ހަފުތާގައި ވެސް ރާމޯސް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން 28.6 މިލިއަން ޕައުންޑް ހުށަހަޅާފައިވަނިކޮށެވެ. މިއީ ޔުނައިޓެޑުން ރާމޯސް ގަތުމަށް ބިޑްކުރި ދެ ވަނަ ފަހަރެވެ. މި ދެ ފަހަރު ވެސް ރެއާލްއިން ވަނީ ކުޅުންތެރިޔާ ވިއްކަން ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް ރާމޯސް ނުދެނީހެއް މެންޗެސްޓާ ޔުނައިޓެޑުގެ ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާ ރެއާލް އަށް ނުވިއްކާނެކަމަށް އެކުލަބުން ބުނި ނަމަވެސް ރެއާލް އުއްމީދު ގެއްލުވާނުލަ އެވެ. މީގެ ސަބަބަކީ ކީޕަރު ރެއާލް އަށް ދާން ބޭނުންވެފައި ހުރުމެވެ.

ރާމޯސް ރެއާލް ދޫކޮށްދާން މަސައްކަތް ކުރީ އޭނާގެ މިހާރުގެ ކޮންޓްރެކްޓަށް ލިބޭ މުސާރަ ކުޑަވުމުންނެވެ. 2005 ވަނަ އަހަރު ސްޕޭނުގެ ސެވިއްޔާއިން ރެއާލްއާ ގުޅުނު ފަހުން ރާމޯސް ވަނީ މިހާތަނަށް 445 މެޗު ކުޅެދީފަ އެވެ. އަދި ފާއިތުވެދިޔަ 25 އަހަރު އެކުލަބުގައި ހުރި ކީޕަރު އަދި ކެޕްޓަން އިކާ ކަސިޔާސް ޕޯޗުގަލްގެ ޕޯޓޯ އަށް ދިއުމުން އަންނަ ސީޒަނުގެ ކެޕްޓަންކަން ދިނުން އެންމެ ގާތް ކުޅުންތެރިއަކީ ވެސް ރާމޯސް އެވެ.