ބޭރު ކުޅިވަރު

ވިޑާލް ބަޔާން މިއުނިކަށް، މުލާ ނުވިއްކާނެ

Jul 23, 2015

ޔުވެންޓަސްގެ މިޑްފީލްޑަރު އަރްތޫރޯ ވިޑާލް ދެން ކުޅޭނީ ބަޔާން މިއުނިކަށް ކަމަށާއި ނަމަވެސް ފޯވަޑް މުލާ ނުވިއްކާނެ ކަމަށް ބަޔާން އިން ބުނެފި އެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގޭ ވަނީ ޖަރުމަނުގެ ގައުމީ ފޯވަޑް ގަތުމަށް 25 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް އެހެން ކުލަބުތަކުން ހުށަހަޅާފައިވާކަން ޔަގީންކޮށްދީފަ އެވެ.

"ބައެއް ކުޅުންތެރިންނަކީ ވިއްކާނެ އަގެއްނެތް ކުޅުންތެރިން. މުލާއަކީ އޭގެތެރެއިން ކުޅުންތެރިއެއް. އަހަރުމެންގެ އެއްވެސްއިރަކު ނުވިސްނަން އޭނާ ވިއްކާލާކަށް،" ރުމެނިގޭ ވިދާޅުވި އެވެ.

ޗިލީގެ މިޑްފީލްޑަރު ވިޑާލް ބަޔާން އަށް ގެނައީ 28 މިލިއަން ޕައުންޑަށް ކަމަށް ވެސް ރުމެނިގޭ ޔަގީންކޮށްދެއްވި އެވެ.

ބަޔާނުން ވަނީ މީގެ ކުރިން ބްރެޒިލްގެ ޑަގަލަސް ކޯސްޓާ ވެސް ގަނެފަ އެވެ. އެއީ ޓީމުގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު ބަސްޓިއަން ސްވައިންސްޓައިގާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމެވެ.

ރުމެނިގޭ ވަނީ ބަޔާނުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޮންޓްރެކްޓާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

"އަހަންނަކަށް ނުވިސްނޭ ގާޑިއޯލާ އަހަރުމެން ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް. ފަހަރެއްގައި އެފަދަ ކަމެއް އޮތްނަމަ އަވަހަށް ވާހަކަ ދައްކައިގެން ހައްލުކުރަންވީ. އެކަމަކު އޭނާ ހުންނަން ބޭނުންނުވަންޏާ އެކަމުގައި އަހަރުމެން ކުރާނެ ކަމެއްނެތް،" އަންނަ ސީޒަނަށް ފަހު އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށްދާނެ ކަމަށް ވާހަކަ ދެކެވެމުންދާ ކޯޗާ ބެހެ ގޮތުން ރުމެނިގޭ ވިދާޅުވި އެވެ.

ބަޔާން މިއުނިކް އާ ސީޒަނަށް ތައްޔާރުވުމަށް ދާނީ ޗައިނާ އަށެވެ.