ހަބަރު

އިންޑިއާ ރާއްޖެ ފެރީ ނިޒާމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި

ރާއްޖެ އާއި އިންޑިއާ ދެމެދު ފެރީގެ ނިޒާމެއް ގާއިމް ކުރަން ސޮއިކުރި އެއްބަސްވުމަށް އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުން ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ.

މިދިޔަ މަހު ސޮއި ކުރި އެމްއޯޔޫގައި އެއްބަސްވެފައިވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރާށެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ ސަފީރު ސަންޖޭ ސުދީރު އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުވި އެ އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.