ވިޔަފާރި

ރިސޯޓް ލައިފްއިން މާފުށީ ވެލާނާ ހޮޓެލްސް ހިންގަން ފަށައިފި

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ ރިސޯޓް ލައިފް މޯލްޑިވްސް އިން، މާފުށީ ވެލާނާ ހޮޓެލްސް ހިންގަން ފަށައިފި އެވެ.

ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދު އަވަސް އަށް ވިދާޅުވީ ކުރިން ހަމައެކަނި ޓްރެވަލް ވިޔަފާރި އަށް ހާއްސަވި ކުންފުނިން މާފުށީގައި ވިޔަފާރި ފެށުމަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ އިތުރު ފިޔަވަޅެއް ކަމަށެވެ.

ވެލާނާ ހޮޓެލްސްގެ ހިންގުމާ ރިސޯޓް ލައިފް ކުންފުނިން ހަވާލުވުމާއެކު އެ ހޮޓަލުގެ ނަން ވަނީ "ވެލާނާ ހޮޓެލްސް ބައި ރިސޯޓް ލައިފް" އަށް ބްރޭންޑްކޮށްފައެވެ. މި ބަދަލާއެކު ވެލާނާ އިން ހިންގަމުން ގެންދިޔަ ވެލާނާ ބީޗް ހޮޓެލް އަދި ވެލާނާ ބްލޫ ދެން ހިންގާނީ މިނަމުގައެވެ. މި ދެތަނުގައި ޖުމްލަ 28 ކޮޓަރި ހުރެ އެވެ.

އެމްޑީ ޝާޒް ވިދާޅުވީ މާފުށީގައި ވިޔަފާރި ފެށި އެއް ސަބަބަކީ ގެސްޓްހައުސް ސިނާއަތަށް ދޭ އެހީތެރިކަން ބޮޑު ކުރުން ކަމަށާ، މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ގެސްޓްހައުސް އަށް ހާއްސަކޮށް ޓޫރިސްޓުން ގެންނަން ޗާޓަރު ފްލައިޓެއް ރާއްޖެއަށް ބާއްވަން ކަމަށެވެ.

"މިހާރު ވެސް ރަޝިއާ ހިމެނޭ ސަރަހައްދުން ރާއްޖެ އަންނަ މީހުންގެ ބޮޑު ބައެއް މި ގެންނަނީ އަޅުގަނޑުމެން. މިހާރު ދާދިފަހުން މެލޭޝިއާ އޮފީހެއް ވެސް ވާނީ ހުޅުވާފަ. އިތުރަށް މިދަނީ ފުޅާ ކުރަމުން،" ޝާޒް ވިދާޅުވި އެވެ.

ރިސޯޓް ލައިފް އިން މިހާރު ހުޅުމާލޭގައި ގެސްޓްހައުސްއެއްގެ އިތުރުން "ދަކެޔޮޅު" ގެ ނަމުގައި ރެސްޓޯރެންޓެއް ވެސް ހިންގަ އެވެ. ރަޝިއާގެ ޝެފުންނާއެކު ހިންގާ މި ރެސްޓޯރެންޓުގެ ގޮތްޕެއް މާފުށީގައި ހުޅުވަން ވެސް އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ. އަދި އެ ކުންފުންޏަކީ ޔުކްރެއިންގައި އޮފީސް ހުޅުވައި ރާއްޖެއަށް ޓޫރިސްޓުން ފޮނުވައިދޭ ކުންފުންޏެކެވެ.