ދުނިޔެ

ދުނިޔެއާ ވަރަށް އެއްގޮތް އެހެން ޕްލެނެޓެއް ހޯދައިފި

Jul 24, 2015

ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުމެއް ވޭތޯ ނުވަތަ ދިރުމަށް އެކަށީގެންވާ މާހައުލެއް އޮތްތޯ ބެލުމަށް ނާސާގެ ސައިންސްވެރިން ކުރަމުން ދާ މަސައްކަތުގައި މި ދުނިޔެއާ ނިކަން އެއްގޮތް ސިފަތަކެއް ލިބިފައިވާ އެހެން ޕްލެނެޓެއް ހޯދައިފި އެވެ.

ނާސާގެ ކެޕްލާ ޓެލެސްކޯޕް މެދުވެރިކޮށް ހޯދި މި ޕްލެނެޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނާސާގެ ސައިންސް ޗީފް ޖޯން ގްރަންސްފީލްޑް ވިދާޅުވެފައި ވަނީ މިއީ މިހާތަނަށް ހޯދުނު މިފަދަ ޕްލެނެޓްތަކުގެ ތެރެއިން ދުނިޔެއާ އެންމެ އެއްގޮތް ސިފަތަކެއް ޖެހިފައިވާ ޕްލެނެޓް ކަމަށެވެ.

މި ޕްލެނެޓަށް ކެޕްލާ-452ބީ ނަން ދީފައިވާއިރު މީގެ ކުރިން ނާސާ އިން ހޯދި ޕްލެނެޓް، ކެޕްލާ186އެފް އަކީ ވެސް ދުނިޔެއާ އެއްގޮތް ސިފަތަކެއް ލިބިފައިވާ ޕްލެނެޓެކެވެ. ނަމަވެސް މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފަހުން ހޯދި ޕްލެނެޓަކީ ދިރުމަށް އެންމެ އެކަށީގެންވާ ފަދަ މާހައުލެއް އޮތް ތަނެކެވެ.

އެގޮތުން މި ޕްލެނެޓާއި ދުނިޔޭގެ ދިރުމާ އެންމެ ބޮޑު ގުޅުމެއް އުފެދިފައިވަނީ މި ޕްލެނެޓްގެ އިރާއި އެ ޕްލެނެޓާ ދެމެދު އޮތް ދުރުމިނުންނެވެ. އަލަށް ހޯދި ޕްލެނެޓަށް މި ދުނިޔެއާ އެއް ފެންވަރެއްގެ އިރެއް ލިބިފައިވާއިރު އިރާއި މި ޕްލެނެޓާ ދެމެދު ހުރީ ގާތްގަނޑަކަށް އަހަރެމެންގެ ދުނިޔެ އާއި އަހަރެމެންގެ އިރާ ދެމެދު ހުރި ދުރު މިނެވެ.

ހަމައެކަނި ތަފާތަކީ އޭގެ އިރު އަހަރެމެންގެ އިރަށް ވުރެ ހަތަރު ޕަސެންޓް ބޮޑުވެފައި 10 ޕަސެންޓަށް އޭގެ އަލިގަދަ ކަމެވެ. އަދި ދުނިޔޭގެ ވަށަ މިނަށް ވުރެ އޭގެ ވަށަ މިން ވެސް 60 ޕަސެންޓަށް ބޮޑެވެ.

މި ޕްލެނެޓް އޭގެ އިރު ވަށައިގެން ބުރެއް ހަމަކުރުމަށް 385 ދުވަސް ނަގާއިރު މިއީ ދުނިޔެ އޭގެ އިރު ވަށައިގެން ބުރެއް ހަމަކުރުމަށް ނަގާ މުއްދަތަށް ވުރެ ފަސް ޕަސެންޓް ލަސް މުއްދަތެކެވެ.

ނާސާގެ ސައިންސްވެރިން ބުނެފައި ވަނީ އާ ޕްލެނެޓްގެ އިރަކީ އަހަރެމެންގެ އިރަށް ވުރެ 1.5 ބިލިއަން އަހަރު ދޮށީ އިރެއް ކަމަށެވެ. އެހެންކަމުން އެ ޕްލެނެޓްގެ ފެން ފަށަލަ ހިކި ހިލައިގެ ބިމެއް އެތަނުގައި އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެ އެވެ.