ވިޔަފާރި

މި އަހަރު 12 ރިސޯޓެއް ހުޅުވައިފި

Jul 4, 2019
10

މި އަހަރުގެ މިހާތަނަށް 12 ރިސޯޓެއް ހުޅުވައި ނުވަ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މި އަހަރު 12 ރިސޯޓު ހުޅުވިއިރު، 17،000 ވަޒީފާ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މި ވަޒީފާތަކަށް ދިވެހިން ހޯދަން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދާދިފަހުން އިންވެސްޓަރަކާ އަޅުގަނޑާ ދިމާވި. އެބޭފުޅާ ވިދާޅުވީ އެތަނަށް މީހުން ހޯދަން އިއުލާނު ކުރުމުން ރާއްޖޭން ކުރިމަތިލީ 45 ފަރާތް ކަމަށް. ބޭރުން އެތަނުގެ ވަޒީފާއަށް 20،000 މީހުން ކުރިމަތިލާފައިވޭ،" ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިސޯޓު ވަޒީފާ ތަކަށް ދިވެހިން ތަމްރީން ކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށާ، ރިސޯޓު ދާއިރާގެ ވަޒީފާ ތަކަށް މީހުން ނެރެން މަސައްކަތް ކުރާއިރު، މިނިމަން ވޭޖު މުހިންމު ކަމަށާ މިނިމަން ވޭޖު ތައާރަފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ފަސް އަހަރު ނިމޭއިރު 35،000 ޓޫރިސްޓު އެނދު ނެރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 140 އަށް ވުރެ ރިސޯޓު ހިންގަ އެވެ.